ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ ރައީސްގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި


މާލޭގައި ދިރިއުޅެމުންދާ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. ދަރުބާރުގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ގިނަ ޢަދަދެއްކެ ކުދިންނާއި ޢާއިލާތަކުންވަނީ ބައިވެރިވެފައެވެ. މިބައްދަލުކުރެއްވުމުގައި ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ބޭއްވެވި ޚާއްސަ ބައްދަލުވުމުގައި މާލޭގައި ދިރިއުޅެމުންދާ ޚާއްސައެހީއަށް ބޭނުންވާ އެކިޢުމުރުގެ މީހުންނާއި، އެމީހުންގެ ޢާއިލާތަކާއި، ބެލެނިވެރިން ބައިވެރިވެފައިވެއެވެ. އެކަމަނާވަނީ އެމީހުންނާ ވަކިވަކިން ބައްދަލުކުރައްވައި ޙާލުއަހުވާލު ބައްލަވާލައްވާފައެވެ. އަދި އެމީހުންނަށް ދިމާވެފައިވާ އެކިކަހަލަ ދަތިތައް އޮޅުންފިލުއްވައި، އެކަންކަމުގެ މަޢުލޫމާތު އެކަމަނާވަނީ ހޯއްދަވާފައެވެ.

އެކަމަނާ ގެންދަވަނީ ދޭތެރެދޭތެރެއިން މިފަދަބައްލުވުންތައް މާލެއާއި އަތޮޅުތަކުގައި ބާއްވަމުންނެވެ. މިބައްދަލުވުންތަކުގެ މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ ޙާލު ގާތުން ބައްލަވައި، އެފަދަ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.
މިބައްދަލުވުމުގެ ތެރެއިން އެކިޢާއިލާތަކާއި ބައްދަލުކުރައްވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ބައެއް ވަޒީރުންވެސްވަނީ އެމީހުންނާ ވާހަކަފުޅުދައްކަވާފައެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގަންފިނަމަ، މިފަދަ ކުދިންނާއި މީހުންނަށްދޭ ޢިނާޔަތް ބޮޑުކޮށް، އެކުދިންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

މިބައްދަލުވުމުގައި ބައިވެރި ފަރާތްތަކުންވަނީ ރައީސްގެ އަނބިކަނބަލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ބުރަ މަސައްކަތާ ނުލައި، ފަސޭހަކަމާއިއެކު އެފަރާތްތަކަށް ދިމާވާ ދަތިތަކާއި، ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ޤައުމުގެ އެންމެ އިސްފަރާތްތަކަށް ފޯރުކޮށްދޭވޭކަން އެމީހުންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި، އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައިވެސް ބޮޑެތި ފަސޭހަތަކެއް މިހާރު ލިބެމުންދާކަމަށް އެމީހުން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން އަދި އެމީހުންގެ އާއިލާތަކާއިއެކު ތިންހާސް ފަސްސަތޭކައަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ގެންދަވަނީ ރާއްޖޭގެ އަތޮޅުތަކަށް ޒިޔާރަތްކުރައްވައި އިސްރައްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނާއި އެމީހުންގެ ޢާއިލާތަކާއި ބައްދަލުކުރަރައްވައި އެފަރާތްތަކުގެ ޙާލު ގާތުން ބައްލަވަމުންކަންފާހަގަކުރެވެއެވެ. މިކަމަށްޓަކައި އެފަރާތްތަކުގެ ލޯތްބާއި ހެޔޮއެދުމުގެ ޝުޢޫރު އެކަމައާއަށް އަންނަނީ ލިބިވަޑައިގަންނަވަމުންނެވެ.