ކުޅިވަރު

19 އަހަރުގައި އެމްބާޕޭ! މެސީ، ޕެލޭ، ރޮނާލްޑޯއާ އަޅާލިޔާވަރުވޭތަ؟


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް މާދަމާ ނިމުމަކަށް އަންނައިރު އެންމެ ގިނަ ބައެއްގެ ދުލުކުރީގައިވާ ނަމަކީ ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަމް އެމްބާޕޭއެވެ. އުމުރުން އެންމެ 19 އަހަރުގެ ކުޅުންތެރިޔާ ވަނީ މުބާރާތުގައި ފްރާންސްގެ ފުރަތަމަ 11ގައި ކުޅެ މުހިންމު ގޯލުތަކެއް ޖަހާފައެވެ. މިހެންވެ އޭނާ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީގެ ޑޮމިނޭޝަން ދުއްވާލާނެ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ވަނީ ބުނަން ފަށާފައެވެ. އަނެއް ބަޔަކު އޭނާ ސިފަ ކުރީ ބްރެޒިލަށް ތިން ވަރލްޑް ކަޕް ކާމިޔާބުކޮށްދިން ޕެލޭ ފަދައިންނެވެ. އެއީ ތެދެއް ހެއްޔެވެ؟

19 އަހަރުގައި މެސީ:
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން މެސީގެ އުމުރުން 19 އަހަރުވީ 2006ގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި މެކްސިކޯ ކުޅުނު މެޗުގައެވެ. އެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފަސް މެޗުގެ ތެރެއިން މެސީ ކުޅުނީ ތިން މެޗުގައެވެ. އެއީ ވެސް މަދު ވަގުތުކޮޅެއްގައެވެ. އެކަމަކު މުބާރާތަށް އޭނާ ދިޔައީ ބާސެލޯނާއާއެކު ދެ ފަހަރު ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.

19 އަހަރުގައި ރޮނާލްޑޯ:
ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ވަނީ މެސީ ފަދައިން ފަސް ފަހަރު އެ މަޤާމު ހޯދައިފައެވެ. އޭނާގެ އުމުރުން 19 އަހަރުވީއިރު ރޮނާލްޑޯގެ ފުރަތަމަ ބޮޑު މުބާރަތަކީ 2004 ވަނަ އަހަރުގެ ޔޫރޯއެވެ. ޕޯޗުގަލް ކުޅުނު ހަ މެޗުގެ ތެރެއިން އެ މުބާރާތުގައި ހަތަރު މެޗެއްގައި އޭނާ ސްޓާޓްކުރިއެވެ. ގްރީސްކޮޅަށް ގޯލެއް ޖެހިއިރު މުބާރާތަށް އޭނާ ދިޔައީ މެންޗެސްޓާ ޔުނައިޓެޑާއެކު ކާމިޔާބު ސީޒަނެއް ނިންމާލާފައެވެ.

19 އަހަރުގައި ނޭމާ:
ބްރެޒިލްގެ ނޭމާގެ އުމުރުން 19 އަހަރުވީއިރު އޭނާ ކުޅެނީ ބްރެޒިލްގެ ސަންޓޯސްއަށެވެ. 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އޭނާ ކާމިޔާބުކުރިއެވެ. އޭގެ އެއްއަހަރު ކުރިން ގައުމީ ޓީމަށް ކުޅެން ފަށައި ގޯލު ވެސް ޖެހިއެވެ. ނޭމާ ބައްޕައަކަށްވީ 19 އަހަރުގައެވެ. ސްޕޭނުގެ ބާސެލޯނާއިން އޭނާ ގެންދިޔައީ ތަފާތު މޮޅު ކުޅުންތެރިއަކަށް ވެގެންނެވެ.

19 އަހަރުގައި މަރަޑޯނާ:
އެމްބާޕޭއާ އެއްއުމުރަކަށް އެޅުނުއިރު އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ހުރީ އާޖެންޓީނާގެ އެންމެ ވަރުގަދަ އެއް ކުލަބުގައެވެ. އުމުރުން 16 އަހަރުވުމުގެ ކުރިން ކުލަބު ލެވެލްގައި އޭނާ ތަރިއަކަށްވެ ޤައުމީ ޓީމަށްނެގިއެވެ. އެކަމަކު އުމުރުން ހަނގުކަމުން 1978ގެ ވަރލްޑް ކަޕަށް އާޖެންޓީނާ ދިޔައީ އޭނާ ނުލައެވެ. ނަމަވެސް މަރަޑޯނާ ވަނީ 19 އަހަރުގެ ދަށުގެ މުބާރާތުގައި ހަ ގޯލު ޖަހައި އާޖެންޓީނާއަށް ތަށި ހޯދައިދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤަމު ވެސް ހޯދައިފަ އެވެ.

19 އަހަރުގައި ޕެލޭ:
ޕެލޭ ގައުމީ ޓީމަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައެވެ. އުމުރުން 17 އަހަރުގައި ވަރލްޑް ކަޕް ކާމިޔާބު ކުރިއިރު އެ މުބާރާތުގައި ހަ ގޯލު ވެސް ޖެހިއެވެ. ކެރިއަރުގެ ކުރީކޮޅު އޭނާގެ ގޯލް ސްކޯރިން ރޭޓް އާދަޔާހިލާފަށް މައްޗެވެ. އުމުރުން 19 އަހަރުވީއިރު އޭނާ ވަނީ ގިނަ އަދަދެއްގެ ތަށިތައް ކުލަބު ލެވެލްގައި ކާމިޔާބުކޮށްފައެވެ.

19 އަހަރުގައި އެމްބާޕޭ:
އެމްބާޕޭ މިހާރު ކުޅެނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އޭނާ އެކުލަބަށް ގެންދިޔައީ ދުނިޔޭގެ ދެ ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޕީއެސްޖީ އަށް ފްރެންޗް ލީގާއި ކަޕް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. ޖުމުލަ 44 ގޯލު ވެސް ޖަހައިދިނެވެ. އާމްދަނީގެ ގޮތުގައި އޭނާ އަށް 17.5 މިލިއަން ޔޫރޯ އަހަރަކު ލިބެ އެވެ. އުމުރުން 17 އަހަރުގައި ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ރަންބޯޅަ ހޯދިއެވެ. އަދި 2016 ވަނަ އަހަރުގެ 19 އަހަރުން ދަށުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދީ އެ މުބާރާތުގައި ހަތަރު ގޯލު ވެސްޖެހި އެވެ. މިހާރު އޭނާ އެދަނީ ވަރލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާށެވެ.