ސިޔާސީ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫގެ ރަނިންގ މޭޓަކަށް ޖޭޕީގެ ފައިސަލް


އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންގ މޭޓަކަށް ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް އިންތިޚާބުކޮށްފިއެވެ.

އެމް.ޑީ.ޕީގެ ކެންޑިޑޭޓްގެ ރަނިންގމޭޓް ކަނޑައަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. ރަނިންގ މޭޓްކަމަށް 4 ބޭފުޅުން ކުރިމަތިލެއްވިއިރު ކައުންސިލްގެ 15 ވޯޓް ލިބިވަޑައިގެން ފައިސަލް ނަސީމް ވަނީ އިދިކޮޅު ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް މިރޭ އިންތިޚާބުކޮށްފައެވެ.

އެމް.ޑީ.ޕީ، ޖޭ.ޕީ އަދި އަދާލަތު ޕާޓީ ހިމެނޭ އިއްތިހާދުގެ ފަރާތުން ނިންމާފައިވަނީ އެމް.ޑީ.ޕީގެ ފަރާތުން ރިޔާސީ ކެނޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ފަރާތަކުން ރަނިންގ މޭޓަކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނެރުމަށެވެ.

އެގޮތުން އިބްރާހީމް މުޙައްމަދު ޞާލިޙް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަމަށް ކަނޑައަޅާފައިވަނީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައެވެ.

ސެޕްޓެމްބަރ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް އިޢުލާންކޮށްފައިވަނީ 4 ބޭފުޅެކެވެ. އެއީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރަނިންގ މޭޓް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމް.ޑީ.ޕީގެ ފަރާތުން އިބްރާހީމް މުޙައްމަދު ޞާލިހާއި، ރަނިންގ މޭޓް، ޖޭޕީގެ ފައިސަލް ނަސީމެވެ. އަދި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި، އެލް.ޖީ.އޭ ބޯޑުގެ ކުރީގެ ނާއިބުރައީސް ޝުޖާއު ޙުޞައިނެވެ. މި ދެބޭފުޅުންގެ ރަނިންގމޭޓް އަދި އިޢުލާންކޮށްފައެއް ނުވެއެވެ.