ޚަބަރު

"މައި ނޭޝަން، މައި ފިއުޗަރ"ގެ ނަމުގައި ފޯރަމެއް ފަށައިފި


"މައި ނޭޝަން، މައި ފިއުޗަރ"ގެ ނަމުގައި ސިލްސިލާ ފޯރަމެއް ދަރުބާރުގޭގައި ފަށައިފިއެވެ.

ގިނަ ޢަދަދެއްގެ ޒުވާނުންނާއެކު ފެށި މި ފޯރަމްގެ ފުރަތަމަ މެހެމާނަކީ ރައީސުލްޖުމްޙޫރިއްޔާގެ ރަނިންގ މޭޓު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ފޯރަމުގައި ޑރ. ޝަޙީމް ވަނީ ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި، ސަރުކާރުން މިހާރުވެސް ޒުވާނުން ބާރުވެރިކުރުމަށް ކޮށްދެއްވަމުން އަންނަ މަސައްކަތަށް އަލިއަޅުއްވާލައްވާ ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފައެވެ. ހަމަ އެއާއެކު މީގެ ކުރިން ސަރުކާރުތަކުން ރާއްޖޭގެ ހަމަޖެހުމާއި އިސްތިޤުލާލް ދެމެހެއްޓުމަށް އެންމެ އެކަށީގެންވާ މަސައްކަތްކޮށްފައިނުވާކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އަންހެނުން ބާރުވެރިކުރުމާއި އަންހެނުންނަށް މިސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވަނީ މިސަރުކާރުގައި އަންހެން ކަނބަލުން ބާރުވެރިކުރުމަށް ސަރުކާރުގެ މަތީ މަޤާމުތަކާއި، ބައެއް ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ކަނބަލުން ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކާއެކު ކާމިޔާބުކަމާއެކު ސަރުކާރުގެ މަސައްކަތްތައް ހިނގަމުން އަންނަކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޒުވާނުންނަށް ތަފާތު އެކި ދާއިރާތަކުން ސުވާލުކުރުމަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ފޯރަމްގައި ޑރ. ޝަހީމް ވަނީ ވިޔަފާރިއާއި، ތަޢުލީމާއި، އިޤްތިސާދީ އަދި ޒުވާނުންނާއި ކަނބަލުންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޒުވާނުން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.