ޚަބަރު

ލައިބްރަރީ އެސޯސިއޭޝަނުން ކުޑަ ކުދިންނަށް ޚާއްޞަ ދިވެހި "ބިގް ބުކް"އެއް ތަޢާރަފުކޮށްފި


މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނުން ޕްރައިމަރީ މަރުޙަލާގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން "ޝައިހާގެ ދަތުރުގެ" ނަމުގައި ދިވެހި ބިގް ބުކްއެއް ނުވަތަ ބޮޑު ފޮތެއް ތަޢާރަފުކޮށްފިއެވެ.

މި ފޮތް ތަޢާރަފްކުރީ ޤައުމީ ކުތުބުޚާނާ ދުވަހުގެ މުނާސަބަތުގައި ޤައުމީ ކުތުބުޙާނާއިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހަވީރުގެތެރެއިންނެވެ.
މި ފޮތަކީ ޅަ އުމުރުފުރާގެ ކުދިންގެމެދުގައި ފޮތްކިއުމަށާއި، ފޮތުން ޢިލްމު އުނގެނުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން ތަޢާރަފުކުރި ފޮތެއްކަމަށް ލައިބްރަރީ އެސޯސިއޭޝަނުން ބުނެއެވެ.

ކުތުބުޚާނާ ދުވަހުގެ މުނާސަބަތުގައި ޤައުމީ ކުތުބުޙާނާއިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހަވީރުގެތެރެއިން ތެރެއިން 60 ރުފިޔާއަށް މިފޮތް ވިއްކިއެވެ.
ލައިބްރަރީ އެސޯސިއޭޝަނުން ބުނީ މި ބިގް ބުކް، ޤައުމީ ކުތުބުޚާނާއިން 100 ރުފިޔާއަށް ލިބެންހުންނާނެކަމަށެވެ. އަދި ފޮތް ބައްލަވައިގަތުމުން މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ހިލޭ ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ.

މި ފޮތަކީ ގްރޭޑް އެކެއްގެ އުމުރުފުރާގެ ކުދިންނަށް އެކަށީގެންވާގޮތަށް ބަސްމަގު ބައްޓަންކޮށްފައިވާ ފޮތެއްނަމަވެސް އެއަށްވުރެ ހަނގު ކުދިންނަށްވެސް ބެލެނިވެރިއެއްގެ އެހީގައި މި ފޮތް ބޭނުންކުރެވޭނެކަމަށް ލައިބްރަރީ އެސޯސިއޭޝަނުން ބުނެއެވެ.
ބޮޑެތި އަކުރުތަކާއި ކުލަ މަންޒަރުތަށް ހުންނަ މި ބިގް ބުކް ސީރީޒްގެ އިތުރު ދެ ފޮތެއް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނުން މިހާރުވަނީ ފަށާފައެވެ.