ޚަބަރު

ޗައިނާގެ ކެމިކަލް ކާރުޚާނާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 19 މީހުން މަރުވެއްޖެ


ޗައިނާގެ ކެމިކަލް ކާރުޚާނާއެއްގައި ބާރުގަދަ ގޮވުމެއް ގޮވާ، ނަވާރަ މީހުން މަރުވެ ބާރަ މީހުން ޒަޚަމުވެއްޖެއެވެ.

ޔިބިން ހެންގްޑާ ޓެކްނޮލޮޖީ ކުންފުނީގައި މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައިކަމަށް ދަޢުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެވެ.

އަދި ޒަޚަމުވީ މީހުންގެ ޙާލުވެސް މިހާރު ރަނގަޅުކަމަށް ހޮސްޕިޓަލާ ހަވާލާދީ ދަޢުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެެވެ. ޔިބިން ހެންގްޑާ ޓެކްނޮލޮޖީ ކުންފުންޏަކީ ކާބޯތަކެއްޗާއި ބޭހުގެ ސިނާޢަތްތަކަށް ބޭނުންވާ ކެމިކަލް އުފައްދާ ކާރުޚާނާއެކެވެ.

މަންޒަރު ދުށް މީހުން މަޢުލޫމާތުދޭ ގޮތުގައި ތިން ބުރީގެ އެ ޢިމާރާތުގައި މިހާރު ފެންނަން ހުރީ ދަގަނޑުން ހަދާފައިހުރި އޮނިގަނޑު އެކަންޏެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އޮޅުންފިލުވުމަށް ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ތަޙުޤީޤެއް ފަށާފައެވެ.