ޚަބަރު

ޑެލް އީއެމްސީން ރާއްޖޭގެ އައިޓީ ދާއިރާއަށް ޚާއްޞަ ސެމިނަރއެއް ބާއްވައިފި


ދުނިޔޭ ގެ އެންމެ ބޮޑު އެއް އިންފޮމޭޝަން ޓެކްނޮލޮޖީ،( އައި.ޓީ) ކުންފުނި ކަމަށްވާ ޑެލް އީއެމްސީން ރާއްޖޭ ގެ އައި.ޓީ ދާއިރާ ގެ ކުންފުނިތަކަށް ޢަމާޒުކޮށްގެން ސެމިނަރ އެއް ބާއްވައިފިއެވެ.

މި ސެމިނަރއަކީ، ރާއްޖޭގެ ޑެލް ކުންފުނީ ގެ ޕްލެޓިނިއަމް ޕާރޓްނަރ މެކްސްކޮމްއިން އިންތިޒާމުކޮށްގެން، ރާއްޖޭގައި އައި.ޓީ ގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބާޒާރުގައި ލިބެން ހުރި ޓެކްނޮލޮޖީގެ އައު އީޖާދުތަކާއި އެންމެ ފަހު ގެ އާލާތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ސެމިނަރއެކެވެ.

މި ސެމިނަރގައި ރާއްޖޭގައި އައި.ޓީ ގެ ދާއިރާގައި ފާހަގަކޮށްލެވޭ 30 ކުންފުންޏަކުންނާއި، މިދާއިރާގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ މާހިރުން ބައިވެރިވިއެވެ.

މެކްސްކޮމް ކުންފުނީ ގެ ސީނިއަރ މެނޭޖަރ މުޚްތާރު މުޙައްމަދު ވިދާޅުވީ މިފަދަ ސެމިނަރ ތައް ކޮންމެ އަހަރަކުވެސް އެ ކުންފުނިން އިންތިޒާމުކުރާ ކަމަށާއި، ބޭނުމަކީ، މި ޒަމާނުގައި ޓެކްނޮލޮޖީ އަކީ އަވަސްއަވަހަށް ބަދަލުވަމުން ކުރިއަރަމުން އަންނަ ދާއިރާއެއް ކަމުން، މި ބަދަލުތަކަށް ދިވެހި ރާއްޖޭ ގެ އައި.ޓީ ދާއިރާ ގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުންކަމުގައެވެ.

މި ސެމިނަރގެ ބައިވެރިންނަށް މަޢުލޫމާތުދެއްވީ ސްރީލަންކާ ގެ އައި.ޓީ ދާއިރާގައި މާހިރުންނެވެ. ވޭތުވެދިޔަ ދެއަހަރުވެސް މެކްސްކޮމްއިން ރާއްޖޭގައި މީގެ ސެމިނަރތައް ބާއްވާފައިވެއެވެ.