ސިޔާސީ

"ހެލްޕް ގާޒާ" ފަންޑަށް ޕީޕީއެމުން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި





 


ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ "ހެލްޕް ގާޒާ" ފަންޑަށް ޕީޕީއެމުން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.


 
މިއީ ރާއްޖޭގެ ސޔާސީ ޕާޓީއަކުން "ހެލްޕް ގާޒާ" ފަންޑަށް ޕާޓީގެ ނަމުގައި އެހީވެދިން ފުރަތަމަފަހަރެވެ.


 
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ ބޭފުޅުންނާ މިއެހީ ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.


 
މިރަސްމިއްޔާތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނަކީ އަބަދުވެސް މުސްލިމުންނަށް ދިމާވާ ދަތިހާލުތަކުގައި އެހީދިނުމަށް އިސްނަގާ ބައެއްކަމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ނަމޫނާ ބައެއް ކަމަށް ވިދާޅުވިއެވެ.


 
ފަލަސްތީނުގެ ރައްޔިތުންނަށް މީގެކުރިންވެސް ދިވެހި ރައްޔިތުން އެކިފަހަރުމަތިން ފޯރުކޮށްދީފައިވާކަމަށާއި ބައިނަލްއަގުވާމީ މުޖްތަމައުގައިވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހި ރާއްޖެއިން އަޑުއުފުލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


 
ބޮސްނިޔާގެ މުސްލިމު ރައްޔިތުންނަށް ދިމާވި ދަތިހާލުގައިވެސް ދިވެހި ރައްޔިތުން ހަދިޔާކުރި އަށްލައްކަ ޑޮލަރު ބޮޒްނިޔާގެ އޭރުގެ ރައީސާއި ހަވާލުކުރެއްވިކަމަށް ވިދާޅުވިއެވެ.


 
މި ރަސްމިއްޔާތުގައި ރައީސް މައުމޫންވަނީ ރައްޔިތުންނަށް އަދި ޚާއްސަކޮށް ޕީޕީއެމްގެ މެމްބަރުންނަށް ޣައްޒާ ފަންޑަށް ވެވުނު މިންވަރަކުން އެހީފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.


 
 


މިރަސްމިއްޔާތުގައި ސްޓިއަރިން ކޮމިޓީގެ ޗެއަރމަން އަދި އެމްބީސީގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކު ދެއްކެވި ވާހަކަފުޅުގައި މީޑިޔާތަކުން އިސްނަގައިގެން ދިވެހި ރައްޔިތުންގެ ނަމުގައި ކުރާ އެފަދަ މަސައްކަތުގައި ޕީޕީއެމްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.