ޚަބަރު

އާ ރަންވޭގެ ބޮޑު ބައެއްގައި ތާރު އަޅާ ނިންމާލައިފި



ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭގެ ދެހާސް ނުވަސަތޭކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާ ނިންމައިލައިފިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ތިންހާސް ހަތަރުސަތޭކަ މީޓަރުގެ އާ ރަންވޭއެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި ރަންވޭއަކީ މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭނުންކުރަމުން އަންނަ ރަންވޭއަށްވުރެ 200މީޓަރު ދިގު ރަންވޭއެކެވެ. ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަރައްޤީކުރާ މި ރަންވޭއަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓްތައްކަމަށްވާ އޭ.ތްރީ މަރުކާގެ މަތިންދާބޯޓް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

އެމްއޭސީއެލްއިން ބުނީ ރަންވޭގައި ތާރުއަޅާ ނިމިފައިވަނީ ރަންވޭގެ ހުޅަނގާއި، ދެކުނު ފަޅިން ކަނޑައަޅާފައިވާ ސަރަޙައްދުގައިކަަމަށެވެ. އަދި ރަންވޭގެ މެދުތެރޭގައި އޮތް ސަރަޙައްދުގައި، ތާރު އަޅަން ނުފަށާ އޮތީ ސީޕްލޭން ޓަރމިނަލްއަށް ބޭނުންވާ ބައެއް މަސައްކަތްތައް އެ ސަަރަޙައްދުގައި ކުރިއަށްދާތީކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. ނަމަވެސް އެ މަސައްކަތްތައް ނިންމައި ރަންވޭގެ ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް އަންނަ މަހު ފަހުކޮޅު ނިންމާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ރަންވޭގެ މަސައްކަތް ނިންމައި ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓްތައް ޖެއްސުމަށްވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއިން ބުނެފައިވަނީ ރަންވޭގައި ދާއިމީކޮށް ޕްލައިޓްތައް ޖައްސަން ފަށާނީ ރަންވޭގެ ޓެސްޓްތައް ނިމި ބައިނަލްއަޤްވާމީ އިދާރާތަކުން އެކަމަށް ބޭނުންވާ ހުއްދަތައް ލިބުމުންކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުން އަންނަ ރަންވޭއަކީ 3200މީޓަރުގެ ރަންވޭއެކެވެ. އެކި ޤައުމުތަކުން ރާއްޖެއަކުރާ ދަތުރުތައް އިތުރުކުރުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އެތައް ގުނައަކަށް އިތުރުވަމުންނެވެ.