ދުނިޔެ

"ހެލްޕާ ގާޒާ" ޓެލެތޯނަށް މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ





 


ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ "ހެލްޕާ ގާޒާ" ޓެލެތޯނަށް މިހާތަނަށް އެގާރަ މިލިއަން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.


 
މީގެ ތެރޭގައި ޣައްޒާ ފަންޑް މޯލްޑިވްސްއަށް ޖަމާވި ހަ މިލިއަން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާއާއި، އެކި ފަރާތްތަކުން އެހީގެ ގޮތުގައި ހުށަހަޅާފައިވާ ހަތަރު މިލިއަން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާއާއި، ޓެލެތޯންގެ ފަންޑު ފޮށިތަކަށް ޖަމާވި އަށްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.


 
އިއްޔެ މެންދުރުފަހު ދެގަޑި ތިރީހުން ފެށިގެން ތިރީސް ތިން ގަޑިއިރާއި ތިރީސް މިނެޓަށް ކުރިއަށްދާ މި ޓެލެތޯންގައި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުގައި ފަންޑު ފޮށިތައް ބެހެއްޓުމާއި، ފައިސާގެ އެހީ ފޯރުކޮށްދޭން ދަތިވާ ފަރާތްތަކަށް މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެހީވުމުގެ ފުރުސަތު ހޯދައިދިނުމަށް ސްކޫލްތަކުގެ ޓީޗަރުން އިންތިޒާމް ކޮށްގެން ބާއްވާ ޖަމްބަލް ސޭލް މިއަދުވެސް ކުރިއަށްދެއެވެ.


 
 


މީގެ އިތުރުން، އެސް.ޓީ.އޯއިން އިންތިޒާމްކޮށްގެން ބާއްވާ އަތުގުޅާ ލުމުގެ ހަރަކާތެއް މިއަދު ހަވީރު ބޮޑުތަކުރުފާނު މަގުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.