ޔުޓިލިޓީ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް ލައިސެންސްދިނުމަށް ނިންމާފައިވާކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ޔޫއާރުއޭއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު، ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރ ޔުޓިލިޓީ މެނޭޖްމަންޓް، އަލީ މިޝާލް ވިދާޅުވީ، ހަތަރު ދާއިރާއަކުން މަސައްކަތްކުރާ ޕްރޮފެޝަނަލް ދިވެހިންނަށް ލައިސެންސާއެކު މަސައްކަތްކުރެވޭނެ މަގުފަހިކުރުމަށް އިންތިޒާމްކުރަންޖެހޭ ކަންކަން ފުރިހަމަކުރަމުންދާކަމަށެވެ. މި ދާއިރާތަކުގެ ޕްރޮފެޝަނަލުންގެ ގޮތުގައި ބަލަނީ، ތަޖުރިބާ އާއި ސަނަދުގެ ގޮތުން އެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ހުރި ފަރާތްތަކެވެ.
ލައިސަންސް ދިނުމަށް ނިންމާފައިވާ ހަތަރު ދާއިރާއަކީ ކަރަންޓާއި، ފެނާއި, ނަރުދަމާ އަދި ކުނީގެ ދާއިރާއެވެ. ޔުޓިލިޓީގެ ޚިދުމަތްތައް ދޭ މީހުންނަށް ލައިސަންސްދިނުމުގެ މަޤްސަދަކީ، އެ ދާއިރާތަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ކަށަވަރުކުރުންކަމަށް މިޝާލް ވިދާޅުވިއެވެ.
ޔުޓިލިޓީ ދާއިރާގެ ޕްރޮފެޝަނަލުންނަށް ލައިސެންސް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކަރަންޓުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ދެނެގަނެވޭނެ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ފެނާ ނަރުދަމާ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް ލައިސެސް ދިނުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކުނީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ދެނެގަތުމަށް އެކުލަވާލަންޖެހޭ ކަންކަމާއި، ފަރުމާކުރުމުގައި އުޅޭ މީހުންނަށްވެސް ލައިސަންސްދެވޭގޮތަށް ކަންކަން ދަނީ ހަމަޖައްސަމުން." އަލީ މިޝާލް ވިދާޅުވިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އެނާޖީ އިންޖިނިއަރ އަޙުމަދު ނައުފަލް ވިދާޅުވީ ޔުޓިލިޓީ ޚިދުމަތްދޭ ތަންތަން ބަލާ، މޮނިޓަރކުރުމަށް ކުރިއަށް ވުރެ ބޮޑަށް އިދާރީގޮތުން ކަންކަން ހަރުދަނާކުރަމުންދާކަމަށެވެ. އެގޮތުން އިތުރު އުސޫލްތައް އެކުލަވާލުމާއި، ޔުޓިލިޓީ ނިޒާމުގެ ދަށުން ދޭ ޚިދުމަތްތައް ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ދިނުމަށް މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކޮށް، އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކުރުމަށް އަންގަމުންދާކަމަށެވެ.
"ރައްޔިތުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި ބަރޯސާވެވޭނެ ސަސްޓެއިނަބްލް ޚިދުމަތެއް އެބަ ލިބިގެންދޭ. ފެނުގެ ކޮލިޓީވެސް ކޮންމެ ދުވަހަކުވެސް އެބަ ޗެކްކުރަން. ކަރަންޓުގެ ޚިދުމަތް ވެސް އެބަ ހުރޭ މިންގަނޑުތައް ހުންނަން ޖެހޭނެ." ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އެނާޖީ އިންޖިނިއަރ އަޙުމަދު ނައުފަލް ވިދާޅުވިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ)އަކީ ދިވެހިރާއްޖޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ބަލަހައްޓަން އުފައްދާފައިވާ ދައުލަތުގެ އިދާރާއެކެވެ. އަދި ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، ޚިދުމަތް ހޯދާ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގެއިތުރުން، ޝަކުވާ ބެލޭނެ ނިޒާމެއް އޮތުމަކީ މި އޮތޯރިޓީގެ މައިގަނޑު ބޭނުމެވެ. އެ އިދާރާ ހިންގަމުންދަނީ، މޫސުމީބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ދަށުންނެވެ.