ޚަބަރު

"ޙަލާލް މެނޭޖްމަންޓް ކޮންފަރެންސް"ގެ މީޑިއަރ ޕާރޓްނަރަކަށް ޕީއެސްއެމް


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ "އިންޓަރނޭޝަނަލް ޙަލާލް މެނޭޖްމަންޓް ކޮންފަރެންސް"ގެ މީޑިއަރ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އެކަން އިންތިޒާމްކުރާ މޯލްޑިވްސް ސެންޓަރފޯރ އިސްލާމިކް ފައިނޭންސްއާއި ޕަބްލިކް ސަރވިސް މީޑިއާއާއިދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެދަށުން، ކޮންފަރެންސްއާ ގުޅޭ މަޢުލޫމާތާއި، އެކަމާގުޅޭ ޚަބަރުތައް އާއްމުންނާހަމައަށް ފޯރުކޮށްދިނުމަށްވަނީ އެއްބަސްވެފައެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފެވެ. އަދި މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްގެ ފަރާތުން ސޮއިކުރެއްވީ އެ މުޢައްސަސާގެ ވައިސް ރެކްޓަރ ހިޝާމް ސަޢީދެވެ.

އެއްބަސްވުމުގައި ސޮއިކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު އިސްލާމީ ޝަރީޢަތާއި، ފިގުޙާއި، އިސްލާމީ ކަންކަމުގެ ފިކުރު މިފަދަ ކޮންފަރެންސްތަކުގެ ޒަރިއްޔާއިން ފުޅާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ޙަލާހް މޮޑެލްއާއި އިސްލާމިކް ފައިނޭންސް މޮޑެލްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިހާރު ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ މޮޑެލްތަކެއްކަން އިކްރާމް ފާހަގަކުރެއްވިއެވެ.

އެގޮތުން ފައިސާއާއި، އިންޝުއަރެންސް މުޢާމަލާތްތައް ހިންގުމާއި، ކާބޯތަކެއްޗާއި، ފަތުރުވެރިކަންފަދަ ބޮޑެތި ވިޔަފާރިތަކުގައިވެސް އެންމެ ކުރިއަރާފައިވާ މޮޑެލްތަކަކީ ޙަލާލް، އިސްލާމިކް ފައިނޭންސްގެ މޮޑެލްތަކެއްކަން އިކްރާމް ފާހަގަކުރެއްވިއެވެ. އިކްރާމް ވަނީ މިދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

"ރާއްޖޭގައި އިސްލާމީ ފައިނޭންސް މޮޑެލްތައް ކުރިއެރުވުމަށް ސަރުކާރުންވެސް ބޮޑެތި މަސައްކަތްތަކެއްވަނީ ކޮށްފައި. އެގޮތުން ދިވެހި އުފެއްދުންތަކުގައި ޙަލާލް ލޯގޯ ޖެހުމާއި، އިސްލާމީ ފައިނޭންސްއާއި ގުޅޭ ސެންޓަރެއް އުފެއްދުމާއި، އިސްލާމީ ބޭންކިންގްގެ ޚިދުމަތާއި، އެފަދަ އިންޝުއަރެންސް ޕޮލިސީތައް ކުރިއެރުވުމަށްވަނީ މަސައްކަތްކޮށްފައި."

އިކްރާމް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ޙަލާލް މެނޭޖްމަންޓާ ގުޅޭގޮތުން، ކަމާގުޅުންހުރި 5 ޤައުމަކުން ބައިވެރިވެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މިކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކުގެތެރޭގައި ނައިޖީރިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ޕާކިސްތާން، ދިވެހިރާއްޖެ ހިމެނެއެވެ.

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްގެ ވައިސް ރެކްޓަރ ހިޝާމް ސަޢީދް ވިދާޅުވީ މިކޮންފަރެންސްގައި 5 ޤައުމަކުން 40 ކަރުސާސް ހުށަހަޅާނެކަމަށެވެެ. އަދި މިއީ ހަމައެކަނި އިސްލާމީ ޤައުމުތަކުގައި ފެތުރޭ މޮޑެލެއް ނޫންކަމަށާއި، މުޅި ދުނިޔޭގައިވެސް އެންމެ މަޤްބޫލް މޮޑެލްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ކޮންފަރެސްގެ ޒަރިއްޔާއިން ބޭހާއި، ކާބޯތަކެތި އުފެއްދުމާއި، ތަކެތި އުފެއްދުމުގައި ސާފުތާހިރުކަމާއި، ތަކެތި އުފެއްދުމަށް ގެންގުޅޭ މިންގަނޑުތަކާމެދުވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެސްއަކީ މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ ގުޅިގެން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. މިއީ މިކޮންފަރެސްގެ ދެވަނަ ބުރެވެ. މި ކޮންފަރެންސްގެ ފުރަތަމަ ބުރި ކުރިއަށް ގެންގޮސްފައިވަނީ މިދިޔައަހަރު ދެކުނުކޮރެއާގައެވެ. މިފަހަރުގެ ކޮންފަރެންސް އޮންނާނީ މިމަހުގެ 17 އާއި 18 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.