ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ސީ-އެމްބިއުލަންސެއް ހަދިޔާކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާރޑް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން މި ސީ އެމްބިއުލާންސްއާ ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙައްމަދު ޒުހައިރެވެ.
ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް ޗައިނާ ޑެލިގޭޝަން ޝަން ޝިއާއޯއެވެ.
މިއީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ޗައިނާގެ ރައީސް ޝީޖިންގ ޕިން 2015 ވަނަ އަހަރު ރާއްޖެކުރެއްވި ދަތުރުފުޅުގައި، ދެޤައުމު ދެމެދުމުގައި ވެވުނު އެއްބަސްވުމުގެ ދަށުން ޙަވާލުވުކުރެވުނު ސީއެމްބިއުލާންސެކެވެ.
ސީއެމްބިއުލާންސް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙައްމަދު ޒުހައިރު ވަނީ، ރާއްޖެއާ ޗައިނާއާ އޮންނަނީ ޒަމާންވީ ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި ޚާއްސަކޮށް ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޗައިނާއިން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެމްއެންޑީއެފުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކަނޑާއި ވައިގެމަގުން ދިހަހާހަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާންގްލީ ޒޯންގް ވަނީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަނީ ބަދަހި ގުޅުމެއް ކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އުމްރާނީ ތަރައްޤީގައި ޗައިނާއިން އަބަދުވެސް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މިއަދު ޗައިނާ ސަރުކާރުން ހަދިޔާ ކުރި ސީ އެމްބިއުލާންސް އަށް ޗައިނާގެ ޓެކްނިކަލް އެކްސްޕާޓްގެ އެހީތެރިކަންވެސް ލިބޭނެ ކަމަށް އެނާ ވިދާޅުވިއެވެ.
ރާއްޖޭގައި ސީއެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް އެމްއެންޑީއެފްއިން 25 އުޅަނދެއް މިހާރު ބޭނުންކުރެއެެވެ.