 
					
									
			މިދިޔަ އަހަރާއި މިއަހަރު ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 36 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމްއެވެ. 
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާއި ނޮވެމްބަރ މަހު އަދި މިއަހަރުގެ ޖެނުއަރީގައި  ބޭއްވި އިމްތިޙާނުތަކުން ފަސް މާއްދާއިން އޭ ފާސް ހޯދާއިގެން 36 ދަރިވަރަކު ވަނީ ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑު ހޯދާފައެވެ. ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީގެ ދިވެހި، އިސްލާމް، މި ދެ މާއްދާއިން ދަށްވެގެން "އޭ" ފާސް ހޯދާ ދަރިވަރުންނަށެވެ. 
ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ތަޢުލީމްގެ ފުރުޞަތުތައް ހުރިހާ ދަރިވަރުންނަށްވެސް  ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. މިގޮތުން މި މަސައްކަތްތަކުގެ ދަށުން މި ހަފްތާތެރޭގައިވެސް  ގާތްގަނޑަކަށް 600 ދަރިވަރުންނަށް ލޯނު ހަވާލުކޮށްފައިވާކަމަށާއި އަދި ލޯންގެ ދެވަނަ ބުރުގެ 500 ފުރުޞަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އަންނަ ހަފްތާތެރޭގައި މެލޭޝިއާ ސަރުކާރުން ދޭ ސްކޮލަރޝިޕްގެ ދެވަނަ ބުރުގެ 250 ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ.  
ދަރިވަރުންނަށް ނަސޭހަތްތެރިވަމުން މިނިސްޓަރ ވަނީ ޘާނަވީ ތަޢުލީމްގައި ހޯދި ރަންވަނަތައް މަތީ ޘާނަވީ ގައިވެސް ހޯދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ތަޢުލީމް އުނގެނުމަށްފަހު ޤައުމަށް ޚިދުމަތްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާޓުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރު ވަނީ މަތީ ތަޢުލީމްގެ ޚިދުމަތްތައް ފުޅާކޮށް ދިނުމަށްޓަކައި ޓާޝަރީ ސުޓޫޑެންޓް ލޯންޖެއް ހުޅުވަން ނިންމާފައިވާކަމަށެވެ. ނަޒީރު ވިދާޅުވީ "މައި އެޑިއު"ގެ ނަމުގައި ޕޯޓަލްއެއް ހުޅުވާނެކަމަށާއި މި ޕޯޓަލް އިފްތިތާޙް ކުރުމާއެކު އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެޕޯޓަލްގެ ޒަރިއްޔާއިންކަމަށެވެ. 
މި ސްކޮލަރޝިޕުގެ ފުރުޞަތު ލިބުނު ދަރިވަރުންނަށް މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާރކް ޤައުމުތަކުން ބޭނުން ޤައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. އަދި މި ޤައުމުތަކުން ބޭރު ޤައުމެއްގައި ކިޔެވުމަށް ވެސް ހައި އެޗީވަރސް ސްކޮލަރޝިޕް އުޞޫލުގެ ދަށުން ދަރިވަރުންނަށް ފުރުޞަތު ލިބެއެވެ. 
ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑަކީ މަތީ ޘާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ ޢިލްމީގޮތުން ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް މިދިޔަ އަހަރު ދިވެހި ސަރުކާރުން ފެއްޓެވި ސްކޮލަރޝިޕް ސްކީމެކެވެ. މި ސްކީމްގެ ފުރަތަމަ ބުރުގައި 41 ދަރިވަރަކަށް ވަނީ ސްކޮލަރޝިޕް ދީފައެވެ.