ޚަބަރު

އިނގިރޭސިވިލާތުން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވަނީ


އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިނގިރޭސި ސިފައިންގެ ޢަދަދު ގާތްގަނޑަކަށް ދެ ގުނައަށް އިތުރުކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުން އިތުރު 440 ސިފައިން އަފްޣާނިސްތާނަށް ފޮނުވާނެ ކަމަށާއި، މިއާއެކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިނގިރޭސި ސިފައިންގެ ޢަދަދު 1100އަށް އަރާނެކަމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވީ، އިތުރަށް ފޮނުވާ ސިފައިން ހަރަކާތްތެރިވަނީ ނޭޓޯގެ ފައުޖުތަކާ އެކު އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ތަމްރީނާ އިއިރުޝާދު ފޯރުވައިދިނުމަށް ކަމަށެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިނގިރޭސި ސިފައިންގެ ޢަދަދު އިތުރުކުރުމަށް އެ ޤައުމުން ނިންމާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވާނެކަން ޓްރަމްޕް އިއުލާނުކުރައްވާފައިވާއިރު އެމެރިކާގެ ރައީސް ވަނީ އިނގިރޭސިވިލާތާއި ނޭޓޯގެ ބާރުތަކުންވެސް އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުުމަށް ގޮވާލައްވާފައެވެ.

މިކަމާ ބެހޭގޮތުން މޭ ވިދާޅުވީ، އިނގިރޭސިވިލާތުގެ މި ނިންމުމުން ދޭހަވަނީ ނޭޓޯއިން ކުރަން ބުނާ ކަންކަމަށް އެންމެ ފުރަތަމަ އިސްކަންދޭ އެއް ގައުމަކީ އިނގިރޭސިވިލާތްކަން ކަމަށާއި، ނޭޓޯ އިއްތިހާދުގެ ބުރަދަން ކަމަށެވެ. އިނގިރޭސިވިލާތުން އޮތީ ނޭޓޯއާއެކު ސާބިތުކަމާއެކުގައިކަމަށްވެސް މޭ ވިދާޅުވިއެވެ.