ޚަބަރު

އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޒިޔާ ލަވަ ހުށައަޅައިފި


އޭޝިއާޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭ.ބީ.ޔޫ)ގެ މިއަހަރުގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއްގައި ވާދަކުރި ޢަބްދުﷲ ޒިޔާއު ލަވަ ހުށައަޅައިފިއެވެ.

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭ.ބީ.ޔޫއިން އިންތިޒާމްކޮށްގެން ކަޒަކިސްތާންގެ އާސްތާނާގައި ކުރިއަށްގެންދިޔަ މި މިފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވަނީ ޢަބްދުﷲ ޒިޔާއުއެވެ. ޒިޔާއުގެ އިތުރުން މި ފެސްޓިވަލްގައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 9 ޤައުމެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ.

ހުށަހަޅައިދިން އައިޓަމްތަކުގައި ކޮންމެ ޤައުމަކުންވެސް މަސައްކަތްކޮށްފައިވަނީ އެ ޤައުމުތަކުގެ ސަޤާފަތާއި، އާދަކާދަތައް ޕްރޮމޯޓްކުރުމަށެވެ. ރާއްޖޭގެ ފަރާތުން ޒިޔާ ހުށައަޅާދީފައިވަނީ "ކުރިއަށްދާނީ ގަދަ ހިތްވަރުން "ގެ ނަމުގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިއީ އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ ލޯފަންކުދިންނަށް ޚާއްސަ ލަވައެކެވެ.

މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ޒިޔާއަށް ދީފައިވަނީ ޕީއެސްއެމްގެ ފަރާތުންނެވެ. އައްޑޫ ސިޓީ ހިތަދޫއަށް އުފަން ޢަބްދުﷲ ޒިޔާއު އަކީ ޕަބްލިކް ސަރވިސް މީޑީއާގެ ދިވެހި ރާއްޖޭގެ އަޑުގެ ދިވެހި އެފްއެމްގައި މަސައްކަތްކުރާ ޕްރެޒެންޓަރެކެވެ. ރާއްޖޭގައި ފުރަތަމަފަހަރަށްބޭއްވި މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގައި ވާދަކުރި ޒިޔާއަކީ ލަވަކިޔުމުގެ ދާއިރައިރާގައިވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ.

އޭބީޔޫއަކީ ދުނިޔޭގެ ފަސްދޮޅޮސް ނުވަ ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމުން ރާއްޖެ ތަމްސީލްކުރާ މިއީ ތިންވަނަ އަހަރެވެ.