ކުޅިވަރު

ރޮނާލްޑޯ ޔުވެންޓަސް އަށް: ޤަރުނުގެ އެންމެ ބޮޑު ސޮއި


އުމުރުން 34 އަހަރަކީ ގިނަ ކުޅުންތެރިން އޮއްސޭ ދުވަސްވަރެވެ. ކިތަންމެ މޮޅަށް ކުޅެފައި ހުއްޓަސް މި އުމުރުގައި ކުޅުންތެރިން ރަނގަޅު އަގެއްގައި ވިއްކާލުމަކީ ކުލަބުތަކަށް ވަރަށް މަދުން ކުރެވޭ ކަމެކެވެ. ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ތަފާތު ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑުން ރޭ އޭނާ އިޓަލީގެ ޔުވެންޓަސްއަށް ވިއްކާލީ ކުޅުންތެރިޔާގެ ކެރިއަރުގެ ފަހު ބަޔަށް އެޅިފައިހުއްޓައެވެ. އޭނާ ގަތް އަގަށްވުރެ ވެސް ބޮޑު އަގެއްގައެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލް އަށް ގެންދިޔައީ 80 މިލިއަން ޔޫރޯ އަށެވެ. މިއީ ދުނިޔޭގެ ރެކޯޑް އަގެކެވެ. އޭގެ ނުވަ އަހަރު ފަހުން ރޭ އޭނާ ވިއްކާލީ 105 މިލިއަން ޔޫރޯ އަށެވެ. މިއީ ވެސް އުމުރާއި ވަގުތަށް ބަލާއިރު ރެކޯޑެކެވެ. ޔުވެންޓަސްއަށް ބަދަލުވުމުން ރޮނާލްޑޯ އަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. މިއީ މަހަކު 2.5 މިލިއަން ޔޫރޯ އެވެ. ހަފުތާއަކު 576.923 ޔޫރޯ އެވެ. ކޮންމެ ދުވަހަކަށް 82417 ޔޫރޯ އެވެ. ގަޑިއަކަށް 3434 ޔޫރޯ އެވެ. ކޮންމެ ސިކުންތަކަށް 0.95 ޔޫރޯ އެވެ. ސުވާލަކީ މިވަރުގެ އަދަދެއް ރޮނާލްޑޯ އަށް ހައްޤުބާ އެވެ؟

ތަޖުރިބާކާރުންގެ ނަޒަރުގައި ޔުވެންޓަސްއިން ރޮނާލްޑޯ އުފުރާލީ ފާއިތުވެދިޔަ ތިން ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކުގައެވެ. މިދިޔަ ތިން އަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިމުގައި އެންމެ މުހިންމު ދައުރެއް ކުޅުނީ އޭނާއެވެ. އަދި މިދިޔަ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަކީ ވެސް އޭނާއެވެ. 2009އިން ފެށިގެން މިދިޔަ 9 އަހަރު ތެރޭގައި ހަތަރު ފަހަރު އަދި މުޅި ކެރިއަރުގައި ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
މީގެ އިތުރުން ޔުވެންޓަސް އަށް މިދިޔަ ހަތަރު އަހަރުތެރޭގައި ޗެމްޕިއަންސް ލީގުގައި ލަނޑު ލިބުނީ ވެސް ރޮނާލްޑޯގެ ފުށުންނެވެ. ކޮންމެ ފަހަރަކު ވެސް ބަލިވަނީ ރޮނާލްޑޯގެ ގޯލުތަކަކާއެކު ރެއާލް އަތުންނެވެ. މިހެންވެ ޔޫރަޕުގެ ތާޖަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ރޮނާލްޑޯ ކަމަށް އެކުލަބުން ޤަބޫލުކުރަނީ ތޯއްޗެވެ. ރެއާލް މެޑްރިޑުން ރޮނާލްޑޯ ވިއްކާލަން ހަމަޖެއްސީ 400 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ޔުވެންޓަސްގެ 100 މިލިއަން ޤަބޫލުކުރަން ރެއާލް ބޭނުންވި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ރޮނާލްޑޯގެ ފުށުން މިހާރު ލިބޭ ނަފާ ކުރިމަގުގައި ކުޑަވުން ގާތެވެ. އޭނާގެ އުމުރު މަތިވެއްޖެއެވެ. މިހެންވެ އޭނާ ވިއްކާލާފައި ޒުވާން ކުޅުންތެރިންނަށް ޓީމުން ޖާގަ ހަދަންވަނީ ޖެހިފަ އެވެ. އަނެއްކޮޅުން އޭނާ ޑިމާންޑަކުރާވަރަށް މިހާރު މުސާރަވެސް ބޮޑުކޮށްދެވެން ނެތީއެވެ. އެކަންކޮށްދީފިނަމަ ކުލަބުގައި ދެންތިބި ތަރިން މޫނުހަދާނެއެވެ. ކަންމިހެން އޮތް ނަމަވެސް ރޮނާލްޑޯ ވިއްކާލަން މިހާތަނަށް އޮތް ހުރަހަކަށްވީ ރަނގަޅު އަގެއް ނުލިބޭނެ ކަމުގެ ބިރާއި ސަޕޯޓަރުންގެ ރުޅިއެވެ.

އެކަމަކު ޔުވެންޓަސްގެ 100 މިލިއަނަކީ މާބޮޑަށް ވެސް ފުދި އިތުރު އަގަކަށްވީއެވެ. ރޮނާލްޑޯވެސް ކުލަބުން އޭނާ ވިއްކާލީއޭ ނުބުނަނީސް އެއްބަސްވީ އެވެ. ރޮނާލްޑޯ ވިއްކާލި ރައީސްގެ ލަގަބު ފެލޮރެންޓީނޯ ޕްރޭޒަށް ނުދީ ސަޕޯޓަރުން ރުއްސަން ކުޅުންތެރިޔާވެސް އެއްބަސްވީއެވެ. މިހެންވެ ރެއާލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަދި ކުލަބުގެ ރެކޯޑް ގޯލް ސްކޯރަރުގެ ވިއްކާލުމަކީ ހާއުފާވެރި އަދި ނަފާބޮޑު ވިޔަފާރިއަކަށްވީއެވެ.