ޚަބަރު

މ.ކޮޅުފުށި ބަނދަރު ރައީސް ޔާމިން ހުޅުއްވައިދެއްވައިފި


މ.ކޮޅުފުށި ބަނދަރު ރަޢީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މ. އަތޮޅަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޔާމީން ކޮޅުފުށި ބަނދަރު ހުޅުވައިދެއްވީ މިއަދު ހެނދުނުއެވެ.

1400 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮޅުފުށީގައި ތަރައްޤީިކުރި ބަނދަރަކީ 650 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 409 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލާ، 189 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއްޖަހާފައެވެ.. އަދި ބަނދަރު ހަދާފައިވަނީ ލައިޓާއި، ޕޭވްމަންޓްވެސް ހިމެނޭގޮތަށެވެ.

ސްރީލަންކާގެ ސެނޯކް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރުޢުއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް(އައި.ޑީ.ބީ)ގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. ކޮޅުފުށީ ބަނދަރު ތަރައްޤީކުރުމަށް އައި.ޑީ.ބީ އިންވަނީ 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 2016ވަނަ އަހަރުގެ ޖެނުއަރީމަހު ފެށި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެތެރޭގައެެވެ.

ކޮޅުފުށީ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ މި ހަތަރު އަހަރާއި ބައިގެތެރޭގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފައި.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިިއިރު ބަނދަރު ކުޑަވުމާއި، މަރާތުކުރަންޖެހުމާއި، އަދި ބަނދަރެއް ނުވަތަ ޖެޓީއެއްނެތް 115 ރަށް އޮތްކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މިންނެތް މަސައްކަތުން ބަނދަރު ނެތް ރަށްތަކުގައި ބަނދަރުހެދުމާއި، މަރާމާތުކުރުމާއި، ފަޅުފުންކުރުމާއި، ބަނދަރުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމުގެ 105 މަޝްރޫޢު މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައިވާކަން މިނިސްޓަރ މުއިއްޒު ފާހަގަކުރެއްވިއެވެ.

ކޮޅުފުއްޓަކީ ސުނަމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ސުނާމީ ކާރިސާއަށް ދިހަ އަހަރުވެގެންދިޔައިރުވެސް ކޮޅުފުށީ ރައްޔިތުން ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، ކޮޅުފުށީ ރައްޔިތުންނަށް ބޯހިޔާކަން ހޯދައިދިނީ ރަޢީސް ޔާމިންގެ ބުރަ މަސައްކަތްޕުޅުންކަމަށްވެސް މިނިސްޓަރ މުއިއްޒި ވިދާޅުވިއެވެ. އެގޮތުން ދައުލަތުން އެރަށުގައި ސުނާމީގައި ހާލުގައި ޖެހުނު ފަރާތަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށް 160ވުރެ ގިނަ ގެ އިމާރާތްކޮށް އެތަންތަން ވެރިންނާއި ހަވާލުކޮށްފައިވާކަމަށްވެސް މިނިސްޓަރ މުއިއްޒު ފާހަގަކުރެވިއެވެ.