ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާއި ބެހޭ ހަމަތައް ބަޔާން ކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލަށް ޚިޔާލު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާއްމުކޮށް ހުޅުވާލައިފިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއްހަމައަކުން ފުރުސަތު ދޭން ޖެހޭގޮތަށް ލާޒިމްކޮށް، ވަކި ކެނޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް އިންތިޚާބުތަކާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީޤުކުރައްވާފައެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިންތިޚާބެއްގައި ވާދަކުރައްވާ ކެނޑިޑޭޓަކާ، އެ ކެނޑިޑޭޓެއް ތަމްސީލް ކުރާ ސިޔާސީ ޕާޓީއަކަށް ތާޢީދު ހޯދުމުގެގޮތުން އިސްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައަޅައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އުސޫލެއް އެކުލަވާލާފައެވެ.
އެއުސޫލުގައި ވަނީ ކެނޑިޑޭޓުންނަށް ޚާއްސަކޮށް ގެނެސްދޭން ޖެހޭނީ އެ ކެނޑިޑޭޓެއްގެ ފަރާތުން ނުވަތަ ސިޔާސީ ޕާޓީއަކުން ތައްޔާރުކޮށް އޮންއެއަރ ކުރާ ޕްރޮގްރާމުތަކާއި ކެނޑިޑޭޓުން ޕްރޮމޯޓު ކުރަން ފޮނުވާ އިސްތިހާރުތަކާއި ސިޔާސީ ޕާޓީތަކުން ބާއްވާ ރެލީތަކާއި ނިއުސް ކޮންފަރެންސްތައް ކަމަށެވެ.
އަދި ސިޔާސީ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ސްޓޫޑިއޯ ޕްރޮގްރާމްތަކާއި ސިޔާސީ ބޭފުޅުންގެ އިންޓަވިއުތައް ގެނެސްދޭން ޖެހޭނެ ކަމަށްވެސް އެކޮމިޝަނުން ނެރުނު އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނާމެދު ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައަޅާ ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި އުސޫލުތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން އެކުލަވާލި އުސޫލުގައިވަނީ ކަނޑައަޅާފައެވެ. އެގޮތުން، އުސޫލްތަކާ ޚިލާފްވާ ފަރާތްތައް ޖޫރިމަނާ ކުރުމާއި މަޢާފަށް އެދެން އެންގުމުގެ އިތުރުން ލައިސަންސް ބާޠިލްކުރުންވެސް ހިމެނެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާބެހޭ ހަމަތައް ބަޔާން ކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެއެވެ.