ކުޅިވަރު

އަޝްފާޤުގެ ހަމައެކަނި ލަނޑުން މޮޅުވެ ޓީސީ އެއްވަނާގައި!


އަލީ އަޝްފާގު (ދަނގަޑޭ) ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނަ މަޤާމަށް ޖެހިލައިފިއެވެ.

ޕްރިމިއަރ ލީގުގައި ޓީސީ އާއި އީގަލްސް މިއަދު ހަވީރު ވާދަކުރި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި ޓީސީގެ އަލާ ނާސިރު ފޮނުވަލީ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ދިހަ މިނެޓު ފަހުން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ އިބްރާހިމް މަހުދީ ހަސަން ފޮނުވާލީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މި މެޗުގައި ޓީސީއަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުގެ އަބްދުﷲ ހަނީފް (ބެންޖޯ) އަށް އަނިޔާވުމުގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުމެވެ. ބެންޖޯގެ ބަދަލުގައި ޓީސީން ކުޅެން އެރުވީ މިހާރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ޑިފެންޑަރ މުހައްމަދު އަޖުފާންއެވެ.
ޓީސީއަށް ލަނޑު ޖަހަން މި މެޗުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 26 ވަނަ މިނިޓުގައެވެ. ޓީސީގެ އިޝާން އިބްރާހިމް ވަރަށް ރީއްޗަށް އަޝްފާގް ޖައްސާލި ބޯޅަ ފޮނުވާލެވުނީ އީގަލްސްގެ ކީޕަރ ސުޖަން ޕެރޭރާއާ ދިމާލަށެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށްވެސް އަޝްފާގް ފޮނުވާލި ބޯޅަވެސް އަމާޒުވީ ކީޕަރ އަތަށެވެ. މި މެޗުގެ 60 ވަނަ މިނެޓުގައި އީގަލްސްގެ ޑެނިއަލް ލޮއިޒް ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރ ކިރަން ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފެއްދުމަށްފަހު ޓީސީން މި މެޗުގައި ގޯލެއް ކާމިޔާބުކުރީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އަލީ އަޝްފާގް ކާމިޔާބުކޮށްދިނީ، އަހުމަދު ރިލްވާން ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެންނެވެ. މިއީ ޕްރިމިއަރ ލީގުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި މިހާތަނަށް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް އޭނާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މި މެޗުގައި އީގަލްސްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. ނިޒާމް ބުނީ އެންމެ މުހިއްމީ މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށާއި، އެއް ގޯލު ޖަހައިގެންވިޔަސް އެކަން ވުމުން އުފާވާކަމަށެވެ. އަދި މެޗުގެ ކުރީކޮޅު ބެންޖޯއަށް އަނިޔާވެގެން ބާއްލަން ޖެހުމަކީ ޓީމަށް ދިމާވި މައްސަލައެއްކަމަށްވެސް ނިޒާމް ފާހަގަކުރިއެވެ. ބެންޖޯގެ ބަދަލުގައި ކުޅެން ނުކުތް އަޖުފާން އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ނިޒާމް ބުނީ މި މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށާއި، ފަހަތުގައި ހުރެ މިސްޓޭކެއް ނަހަދައި މެޗު ނިންމާލުމުން ހިތްހަމަޖެހޭކަމަށެވެ.

"އަސްލު މިއަދުގެ މެޗުގައި އީގްލްސްގެ ފަރާތުން ވަރަށް އޯގަނައިޒް ކުޅުމެއް ފެނިގެން މިދިޔައީ. އެޓީމުގެ ހުރިހާ ޑިޕާޓްމަންޓެއްވެސް ވަރަށް ރަނގަޅު. ދެން އަޅުގަނޑުމެން އެންމެ ގޯލެއް ޖަހައިގެންވިޔަސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ. ދެން މިއަދު މޮޅެއް ލިބުމަކީ ލީގުގައި ކުރިޔަށް ހުރި މެޗުތަކަށް ނުކުންނަ އިރު ލިބޭ އިތުރު ހިތްވަރެއް." ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައިނުވާ ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މެޗަށް ފަހު ބުނީ މި މެޗުގައި ހުރިހާގޮތަކުން ބެލިނަމަވެސް ޓީސީ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު މި މެޗުން ޓީސީ މޮޅުވުން ހައްޤުކަމަށްވެސް މޯހަން ބުންޏެވެ. މި މެޗުގައި އީގަލްސް އިން ދެއްކި ކުޅުމާއި ގުޅޭ ގޮތުން މޯހަން ބުނީ، މި މެޗަކީ މިހާތަނަށް އީގަލްސް ކުޅުނު އެންމެ ދަށް އެއް މެޗު ކަމަށެވެ. މެޗުގައި އީގަލްސްގެ ކުޅުންތެރިންގެ މަސައްކަތު ރޭޓްވެސް ވަރަށް ދަށްކަމަށާއި، މެޗުގައި ފެނިގެންދިޔަ ޕާސްތަށްވެސް ވަރަށް ދައްކަމަށް މޯހަން ބުންޏެވެ. މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން މޮޅެއް ނުލިބުނަސް އެކަމާއި ހާސްނުވާކަމަށާއި، ލީގުގައި އެންމެ ފުރަތަމަ ކުޅެން މި ޖެހުނީ ވަރުގަދަ ތިން ކްލަބާއި ދެކޮޅަށްކަމަށެވެ. އަދި ކުރިޔަށް އޮތްތާނގައި ޓީމު މިއަށްވުރެ ރަނގަޅުވާނެކަމަށް ކޯޗު މޯހަން ބުންޏެވެ.

"ލީގުގައި މިހާތަނަށް އީގަލްސްގެ ފަރާތުން ފެނިގެންދިޔަ އެންމެ ދަށް ކުޅުން މި މެޗުން މި ފެނިގެންދިޔައީ. ޓީސީ އަސްލު ވަރަށް ތަފާތު މި މެޗުގައި. އެމީހުން މޮޅުވުން ހައްޤު އެ ދެއްކި ކުޅުމާއި ބަލާފައި. އީގަލްސްގެ ކުޅުންތެރިންގެ މަސައްކަތު ރޭޓްވެސް ވަރަށް ދަށްކޮށް ދެން ފެނިގެންދިޔައީ މި މެޗުގައި. ދެން މިހާތަނަށް ކުޅުނު ތިން މެޗުން މޮޅެއް ނުލިބުނަސް އަދި ހާސްވާކަށްނުޖެހޭ. އެންމެ ފުރަތަމަ ކުޅެން މިޖެހުނީ، އެންމެ ވަރުގަދަ ތިން ޓީމާ ދެކޮޅަށް. ކުރިޔަށް އޮތްތާނގައި ޓީމު ރަނގަޅުވާނެ މިއަށްވުރެ ބޮޑަށް" އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު ބުންޏެވެ.

މި ނަތީޖާއާއެކު ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ޓީސީ ސްޕޯރޓްސް ކްލަބް އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނާއިގައި އޮތް ނިއުރޭޑިއަންޓް އާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބެނީ ހަތް ޕޮއިންޓެވެ. ނިއުއަށް ތާވަލްގެ ދެވަނަ މަޤާމް ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.