ޚަބަރު

ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ޕީއެސްއެމް އިން ހަމަހަމަ ފުރުޞަތުތަކެއް ދެނީ


ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް، ހަމަހަމަ ކަމާއެކު ޕީ.އެސް.އެމްގެ ޗެނަލްތަކުން ފުރުޞަތު ދިނުމަށް ކަނޑައަޅާ ސިޔާސަތު ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެތެރޭގައި އާންމުކުރުމަށް ޕީ.އެސް.އެމުން ނިންމައިފިއެވެ.

މި ސިޔާސަތަކީ، އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ޕާޓިތަކަށް، ޕީ.އެސް.އެމްގެ ޚަބަރާއި މައުލޫމާތު ގެނެސްދޭ ޗެނަލްތަކުން އެއަރޓައިމް ދިނުމަށް ހަމަޖެހިފައިވާގޮތުގެ ތަފްސީލް ހިމެނޭ ސިޔާސަތެކެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސް ބޭއްވުމުގެ އެއްބަސްވުމުގައި ޕީއެސްއެމް އާއި ޤައުމީ ޔުނިވަރސިޓީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފު ވިދާޅުވީ، ޕީ.އެސް.އެމުން ކަނޑައަޅާ އުސޫލުގެ ދަށުން ކޮންމެ ކެނޑިޑޭޓަކަށްވެސް، ހިލޭ އެއަރޓައިމް ލިބޭނެކަމަށެވެ. އަދި ވިޔަފާރި އުސޫލުންވެސް އެއަރޓައިމް ގަތުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް ލިބިގެންދާނެކަމަށެވެ.

"ގެޒެޓްގައި ޝާޢިއު ކުރެވޭ ސިޔާސަތާއެއްގޮތްވާގޮތުގެ މަތީން، އެސިޔާސތު ބެއްލެވީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޚަބަރުގެ ތެރޭގައި، އަދި ޚަބަރުން ބޭރުގައި ކިހާ ފުރުސަތެއްތޯ ދެވެނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮންމެ ކެނޑިޑޭޓަކަށްވެސް ހިލޭ ފުރުސަތުތަކެއް އަރުވާނަން. އޭގެ އިތުރުން ވިޔަފާރި އުސޫލުން ބައްލަވައިގަނެގެންވެސް ނުވަތަ ފައިސާ ދެއްވައިގެން އެބޭފުޅެއްގެ ގާބިލުކަން ހުރިވަރަކުން ކުރިއަށްގެންދެވޭނެ ފުރުސަތުތައްވެސް އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ދިވެހި ދައުލަތް ނެގަހެއްޓުމާއި، ދައުލަތުން ކުރާ އެކިއެކި ކަންކަމާއި މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަކީ ޤާނޫނަކުން ޕީއެސްއެމްއަށް ލާޒިމްކުރާކަމެއްކަމުން ކެނޑިޑޭޓުންނަށް ފުރުޞަތުދޭ ސިޔާސަތަށް އަމަލުކުރާއިރުވެސް ދައުލަތުން ކުރާ މުހިންމު ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނެކަމަށެވެ. އަދި މިއީ ޤާނޫނުން ލާޒިމްކުރާކަމެއްކަމުން އިންތިޚާބާއި ކައިރިވެފައިވީ ނަމަވެސް މިފަދަކަންކަމުގެ ޚަބަރާއި މައުލޫމާތު ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.

"އިންތިޚާބަށް ތައްޔާރުވަމުންދާއިރު އަޅުގަނޑު ހިތުން މާލެއާ ހުޅުލެ ގުޅައިދޭ ބްރިޖްގެ ވެސް ހުޅުވާނެ، ދަރުމަވަންތަ ހޮސްޕިޓަލް ޚިދުމަތަށް ހުޅުވާލެވޭނެ ހެންހީވަނީ އެދުވަސްވަރު. އެހެންވީމަ މިދެންނެވި ހުރިހާ ކަމެއް، ޤައުމީ ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި ރިޕޯޓްތައް އަންނާނެ. އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތައްކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި، ކޯޓުތަކާއި އެނޫންވެސް މިނިވަން މުއައްސަސާތަކުން ކުރައްވާ މަސައްކަތްތައް ގެނެސްދޭނެ އެއީ ޤައުމީ މީޑިއާގެ ޒިންމާއެއް."އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް، ހަމަހަމަ ކަމާއެކު ޕީ.އެސް.އެމްގެ ޗެނަލްތަކުން ފުރުޞަތު ދިނުމަށް ކަނޑައަޅާ ސިޔާސަތުގެ ދަށުން ހުރިހާ ކެނޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު ލިބޭނެކަމުގެ ޔަޤީންކަން ދީފައެވެ.