ޚަބަރު

ސަރޗް އެންޑް ރެސްކިއު ނޭޝަނަލް ޕްލޭނެއް އެކުލަވާލުމަށް ސެމިނާއެއް ފަށައިފި





 


ރާއްޖޭގައި ސަރޗް އެންޑް ރެސްކިއުގެ  ޤައުމީ ޕްލޭނެއް އެކުލަވާލުމަށްޓަކައި  މަޝްވަރާކުރުމަށް ބާއްވާ ސެމިނަރެއް މިއަދު ފަށައިފިއެވެ.


ކޯސްޓްގާޑާއި އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން އައިއެމްއޯ އަދި ޓްރާސްޕޯޓް މިނިސްޓްރީ ގުޅިގެން "ނީޑް އެސެސްމަންޓް އެންޑް ސާރ ސެމިނަރ" ގެ ނަމުގައި، މިއަދު ފެށި މި ސެމިނާރުގައި ސަރުކާރުގެ އެކިއިދާރާތަކުން މަންދޫބުން ބައިވެރިވެއެވެ.


 


ސަރުކާރުގެ ކަމާބެހޭ އެކިއިދާރާތަކުން ތިރީހަކަށް މަންދޫބުން ބައިވެރިވި މިސެމިނަރގައި މައުލޫމާތުދެއްވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގެ ކޮންސަލްޓެންޓުންނެވެ.


ކޯސްޓްގާޑް ބިލްޑިންގައި ކުރިޔަށްދިޔަ މިސެމިނަރ ފެށުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބުއްނާޞިރު ވިދާޅުވީ މި ސެމިނާރގައި ކްލާސްރޫމް ސެޝަންތަކާ ފީލްޑް ސެޝަންތައްވެސް ހިމެނޭނެކަމަށެވެ.


 


އަބުއްނާޞިރު ވިދާޅުވީ މި ސެމިނާރާގުޅިގެން ސާރޗްއެންޑް ރެސްކިއުގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވޭކަމަށެވެ.


 


މިސެމިނާރުގައި ސަރުކާރުގެ ކަމާބެހޭ އެކި އިދާރާތަކުން  މަންދޫބުން ބައިވެރިވެފައިކަން ފާހަނގަކުރައްވާ ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ މިސެމިނާރަކީ ސާރްޗް އެންޑް ރެސްކިއުގެ މަސައްކަތްތަކުގައި މުޅިސަރުކާރު ގުޅިގެން މަސައްކަތްކުރުމުގެ ފެށުމެއްކަމަށެވެ. އަދި މީގެ ސަބަބުން ސާރޗްއެންޑް ރެސްކިއުގެ މަސައްކަތުގައި ބަދަލުކުރަންޖެހޭ ލިޔެކިއުންތައް ބަދަކުރުންފަދަ ކަންކަމަށް ބަދަލުއައިސް މި މަސައްކަތުގެ ސްޕީޑް އަވަސްވެގެންދާނެކަމަށްވެސް އަހުމަދު މުހައްމަދު ފާހަގަކުރެއްވިއެވެ.


 


މިއަދު ފެށުނު މިސެމިނާރ މިމަހުގެ ހަތްވަނަ ދުވަހާއި ހަމައަށް ކުރިޔަށްގެންދިއުމަށް ރޭވިފައިވާއިރު މިސެމިނާގެ ސަބަބުން ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މަސައްކަތްކުރާނެ މީހުން އިތުރަށް ބިނާކުރެވިގެންދާނެކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.