ޚަބަރު

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް، އިސްރަށްވެހިންގެ އިނާޔަތް ބޮޑުކުރާނަން - ރައީސް


އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ޤާއިމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ދޭ 5000 ރުފިޔާ ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެންމެ އަޅާނުލެވި އޮތް ބަޔަކީ އަންހެނުން ކަމަށެވެ. އޭގެތެރޭގައި ދޮށީ އުމުރުގެ އަންހެން ކަނބަލުންނާއި ޚިދުމަތްތެރިން ޒުވާން ކަނބަލުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެން ކަނބަލުންނަށް ފިރިހެނުން ކޮށްދޭންޖެހޭ އެތައް ޚާއްސަ ކަންތައްތަކެއް ހުންނާނެކަމަށާއި އެކަން ކަމަކީ ކުރުން ލާޒިމް ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްވެ ފިރިހެނުން ކަނބަލުންނަށް ފުރުސަތުތައް ހޯދައި ނުދީފި ނަމަ ކަނބަލުންނަށް އެ ފުރުސަތުތައް ހޯދައިދޭން ތިބޭނެ އިތުރު ބަޔަކު ނުތިބޭނެ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް އެމަނިކުފާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮންމެ ރަށަކުންވެސް އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބެހެއްޓުމަށް ރައްޔިތުން އެދެމުން އަންނަކަމަށެވެ. ރައީސް ވިދާޅުވީ ސިއްޙީ ޚިދުމަތް ދިނުމަށް ދިވެހިން ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކުރިއަށް އޮތް ފަސް އަހަރެއްގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ނޭޝަނަލް ހޮސްޕިޓަލެއް އަންހެނުންނާއި ކުޑަކުދިންނަށް ޤާއިމް ކޮށްދޭނަން. ދަރިމައިވަންތަ ވުމާއި ގަރުބަގަތީއްސުރެ ނޫނީ އެއަށްވުރެ ކުރީއްސުރެ ހުންނަ މައްސަލަތައް ދެނެގަތުމަށް ކުދިން ނުލިބޭ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ފަރޓިލިޓީ މަސައްކަތްތައް ކުރުމާއި މިހެން ގޮސް އަންހެނުންނާއި ކުޑަކުދިންނަށް މި ސަރަޙައްދުން ލިބޭ އެންމެ ފެންވަރު ރަނގަޅު ޚިދުމަތް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހޯދައިދޭނަން،" ރައީސް ޔާމީންގެ ކުރިއަށް އޮތް ފަސް އަހަރުގެ ސިއްޙީ ދާއިރާގެ ތަސައްވަރު ހާމަކޮށްދެއްވަމުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ފަސް އަހަރު އިސްރަށްވެހިންނާއި މެދު އެމަނިކުފާނުގެ ގެންގުޅުއްވާނެ ސިޔާސަތު ހާމަކޮށްދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ދޮށީ ރައްޔިތުންނަކީ ދައުލަތަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންތަކެއް ކަމަށެވެ. އޭގެތެރޭގައި ސަރުކާރާ ރަށްރަށަށް ޚިދުމަތް ކުރެއްވި ބޭފުޅުން ތިއްބަވާއިރު، ރަށްރަށަށް ޚިދުމަތް ކުރެއްވުމަކީ ރަސްމީ ދާއިރާގައި ޚިދުމަތް ކުރެއްވުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރަށްރަށަށް ޚިދުމަތް ކުރުމުގައި މަސްވެރިންނާއި ދަނޑުވެރިން އަދި އިސްރަށްވެހިން ހިމަނަންޖެހޭ ކަމަށެވެ.

2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ޙަވާލުވެވަޑައިގަތީ 29،000 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކާއި އެކުގައި ކަމަށާއި ނަމަވެސް ރައްޔިތުން ގާތު ވަޢުދުވެވަޑައިގެންނެވި ކަންކަން ކުރައްވަމުން ގެންދެވިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދޮށީ އުމުރުގެ ރައްޔިތުންނަށް 5000 ރުފިޔާ ސަރުކާރުން ދެމުން އަންނައިރު އެ ފައިސާއާ އެކު ދޮށީ އުމުރުގެ ރައްޔިތުންނަށް ހަމަޖެހުން ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި އަންނަ ދައުރުގައި އިސްރަށްވެހިންނަށް ސަރުކާރު ދެމުން އަންނަ އިނާޔަސް ބޮޑުކުރައްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދަކު އަދަދެއް ނުދަންނަވާނަން. އެކަމަކު ރިޔާސީ އިންތިޚާބަށް ނިކުންނައިރު އަދަދު ދަންނަވާނަން. އަޅުގަނޑުމެންގެ މި ފުދުންތެރިކަން އިތުރުވެގެންދާއިރު ކީއްވެގެންތޯ ދޮށީ ރައްޔިތުން ޤަބޫލު ކުރައްވަންވީ ތިމަންނަމެންނަށް ދެންވެސް ލިބޭނީ 5000 ރުފިޔާއޭ. ނޫން. އެއަށްވުރެ މާ ބޮޑު އަދަދެއްގެ ފައިސާ އަޅުގަނޑު ހަމަޖައްސާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހިމެނުއްވި ތަސައްވަރުގައި ހުރި ގިނަ ކަންކަން މިހާރު ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އަދިވެސް ނުކުރެވި ހުރި ކަންކަން އެބަހުރި ކަމަށާއި ނުކުރެވި ހުރި ކަންކަން އަންނަ އަހަރުގެ މެނިފެސްޓޯގައި ނުހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑު ހޮވައިދެއްވައިފި ނަމަ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އަޅުގަނޑު ޖަހާލަ ދޭނަން، އެކަންކަން އަޅުގަނޑު ކޮށްދޭނަން. ރައްޔިތުން ބޭނުންވާ ކަންކަން ހުންނާނެ އެކަމަކު މިހާރު އެއީ ކުދިކުދި ކަންކަމަށް ވެގެން ނުވާނެ. އެއަށްވުރެ އަޅުގަނޑުމެންގެ ހުވަފެންތައް ބޮޑުވާންޖެހޭނެ އަޅުގަނޑުވެސް ހާދަ ހުވަފެންތައް ދެކެފީމޭ، އެ ހުވަފެންތައް ހަގީގަތަކަށް ހަދަން ހާދަ ބޭނުންވިއޭ. އަޅުގަނޑު ހާދަ ހުވަފެނެއްގެ ތެރޭގައި ހާދަ އަނިޔާވެރިކަމެއްގެ ތެރޭގައި އުޅެފީމޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އުމުރުން 65 އަަހަރުން މަތީގެ މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދެމުން އައި 2000 ރުފިޔާ ބޮޑުކޮށް 5000 ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ފެށީ ރައީސް ޔާމިން ވެރިކަމާއި ހަވާލުވެޑައިގެން ހިސާބުންނެވެ.