ޚަބަރު

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް


ހުސްވި ހަފުތާގައި ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި ޖަޕާނަށް ކުރިމަތިވި، ފެންބޮޑުވުމުގެ އެންމެ ބޮޑު ކާރިޘާގައި މިހާތަނަށް ސަތޭކަ ސައްބީހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ޙާދިސާތަކާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައްވެސް އަދިވެސް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެންބޮޑުވެ ބިންގަނޑުކަނޑައިގެން ދިއުމުގެ ސަބަބުން، ޖަޕާނުގެ ހުޅަނގުގެ ގިނަ ސަރަހައްދުތަކުން ކަރަންޓާއި، ސާފު ބޯފެނުގެ ޚިދުމަތް ކެނޑިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މިގޮތުން، ދުއިސައްތަ ހާސް މީހުން ބޯފެނާ ނުލައި ދިރިއުޅޭކަމަށް ޚިދުމަތްދޭ ކުންފުނިތަކުން ބުނެއެވެ. ޖަޕާނުގެ ފިނިހޫނުމިން އާދިޔާޚިލާފަށް މަތިވެފައިވާއިރު ފެނާ ނުލައި ގިނަ ދުވަސްތަކެއްވާނަމަ، މި ސަރަހައްދުގައި ސިއްޙީ މައްސަލަތަކެއް އުފެދުން އެކަށީގެންވާކަމެއް ތަޖުރިބާކާރުން ދެކެއެވެ.