ޚަބަރު

ރިޔާސީ އާ ދައުރާއެކު އުރުދުޣާނަށް އިތުރު އިމްތިޔާޒުތަކަކާއި އިޚުތިޔާރުތަކެއް


ތުރުކީވިލާތުގެ ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު އެ ޤައުމުގެ ރިޔާސަތުގައި ހުންނަވާ ބޭފުޅާއަށް ލިބިވަޑައިގަންނަވާ އާ އިމްތިޔާޒުތަކާއި އިޚުތިޔާރުތަކާއެކު، ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ރިޔާސަތުގެ އާދައުރަކާ ހަވާލުވެވަޑައިގެންފިއެވެ. އުރުދުޣާން އަލުން މަޤާމުގެ ހުވާ ކުރައްވާފައިމިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު ތުރުކީވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބު، ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައިގެންނެވެ.

ހޯމަ ދުވަހު، އާ ދައުރަކަށް ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޤައުމާ މުޚާޠަބުކުރައްވަމުން އުރުދުޣާން ވިދާޅުވީ، ތުރުކީވިލާތުން ދޫކޮށްލާ ވެރިކަމުގެ ނިޒާމަކީ، އެ ޤައުމަށް އިޤުތިޞާދީ އަދި ސިޔާސީ ހައިޖާނުތަކެއް ގެނުވި ނިޒާމެއްކަމަށެވެ. އަދި ކުރިއަށް އޮތީ ތުރުކީވިލާތަށް ތަރައްޤީ އާއި ކުރިއެރުންތައް ލިބިގެންދާނޭ ދުވަސްތަކެއް ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މީގެ ކުރިން އުރުދުޣާން ވިދާޅުވެފައިވަނީ، ރިޔާސަތަށް މި ލިބޭ އާ އިމްތިޔާޒުތަކާއި އިޚުތިޔާރުތަކާއެކު، 2016 ވަނަ އަހަރު އެ ޤައުމަށް ގެންނަން އުޅުނު ފަދަ ބަޣާވާތްތައް، ކާމިޔާބުކަމާއެކު ހުއްޓުވާލެވޭނޭކަމަށެވެ. 2016 ވަނަ އަހަރު އަސްކަރިއްޔާއިން ގެންނަން މަސައްކަތްކުރި އިންޤިލާބުއްސުރެ، ތުރުކީވިލާތުގައި އަދިވެސް ދަނީ ކުއްލި ޙާލަތު ތަންފިޒުކުރަމުންނެވެ.

ތުރުކީވިލާތުގެ ރިޔާސަތުގައި ހުންނަވާ ބޭފުޅަށް ލިބިވަޑައިގަންނަވާ އާ ބާރުތަކަކީ 2017 ވަނަ އަހަރު އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓާއެކު ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ދަށުން ލިބިވަޑައިގެންފައިވާ ބާރުތަކެކެވެ.

މި އިސްލާހުގެ ދަށުން، ރިޔާސަތުގައި ހުންނަވާ ބޭފުޅާއަށް ލިބިވަޑައިގެންފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަކާ ނުލައި ބޮޑުވަޒީރުގެ މަޤާމު އުވާލުމުގެ އިތުރުން، ވަޒީރުންގެ މަޖިލިސް އެކުލަވާލުމާއި، ވަކިވަކި ވުޒާރާތައް އުވާލުން ނުވަތަ އުފެއްދުމުގެ ބާރު ހިމެނެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ރިޔާސަތަށް އަލަށް މި ލިބުނު އިމްތިޔާޒުތަކާއި އިޚުތިޔާރުތައް ތަންފީޒުކުރަން ބޭނުން ނުވާކަމަށެވެ.

އެހެންނަމަވެސް އެ ޤައުމުގައި ބޭއްވި ފެންނަ ނުފެންނަ އިންތިޚާބުގައި ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމަށް ގެނައި ބަދަލު، ރިޔާސީ އާ ދައުރަކާއެކު ތަންފީޒުކުރާނެކަމަށް ވަނީ ކަނޑައަޅާފައެވެ. ރައީސް އުރުދުޣާން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. އަދި ވެރިކަމުގެ ނިޒާމަށް އަންނަ ބަދަލުތައް ދާދި އަވަހަށް ތަންފީޒުކުރައްވާނެކަމަށް ތުރުކީވިލާތުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.