ކުޅިވަރު

މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓް 1 ވަނައަށް!


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެކެއް ސުމަކުން މާޒިޔާ ބަލިކޮށް، ނިއުރޭޑިއަންޓް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ތިން ފުރުސަތު މާޒިޔާ އަށް ލިބުނެވެ. އެގޮތުން ސްޓެވާޓް ކޯނޭ އަށާއި، ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި އޭގެ ފަހުން މާޒިޔާގެ އަސަދުﷲ އަބްދުﷲ ބޮލުން ޖައްސާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ވިހި ވަނަ މިނެޓުގައި ނިއުރޭޑިއަންޓަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ނިއުގެ ގުރްބާނީ އާމިރް ގޯލު އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ދިޔައީ ޖަހާނެ ކުޅުންތެރިއެއް ނެތިގެން ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. މި މެޗުގެ ކުރީ ކޮޅު ނިއުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ މުހައްމަދު އުމައިރަށް އަނިޔާވެގެން އޭނާގެ ބަދަލުގައި އިމްރާން ނަޝީދު ވަނީ ކުޅެން ނިކުމެފައެވެ.
މެޗުގައި ނިއުއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ އަހުމަދު އަބްދުﷲ (ލިލީ)އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ނިއުއާ އަލަށް ގުޅުނު ތުރުކެމެނިސްތާނުގެ ގުރްބާނީ އާމިރް ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެންނެވެ. ނިއުއިން ގޯލު ޖެހި ފަހުން މާޒިޔާގެ ސްޓެވާޓް ކޯނޭ ނިއުގެ ގޯޓޯ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 32 ވަނަ މިނެޓުގައި ނިއުއަށް ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. ގްރުބާނީ އާމިރު އޭރިޔާ ތެރެއަށް ނަގައިދިން ހުރަސް މުޅިން ހުސްކޮށް ހުރެ ހަސަން އަދުހަމް (ސަޑޭ) ބޮލުން ޖައްސާ ފޮނުވާލި ބޯޅަ ދިޔައީ ގޮލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފަހު ވަގުތުކޮޅު މާޒިޔާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 89 ވަވަނަ މިނެޓުގައި ސްޓެވާޓް ކޯނޭ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މި ނަތީޖާއާއެކު ނިއު ވަނީ ހަތް ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ޖެހިލާފާއެވެ. ނަމަވެސް މިއަދު ހަވީރު އީގަލްސް ބަލިކޮށްގެން ޓޭބަލްގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ޓީސީއަށް އެބައޮތެވެ. މެޗުން ބަލިވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހަތަރު ޕޮއިންޓާއެކު އޮތީ ތާވަލްގެ ހަތަރުވަނަ މަގާމުގައެވެ.

މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުނީ މާޒިޔާ އާއި ވާދަކުރި މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، މުޅި މެޗުވެސް ދިޔައީ ވަރަށް ވާދަވެރިކޮށްކަމަށެވެ. އޮސްކާ ބުނީ، މެޗުގެ ދެވަނަ ހާފުގައި ފޯމޭޝަނަށްވެސް ބަދަލުގެންނަން ޖެހުނު ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި މާޒިޔާއިން ލީގުގައި ވަރުގަދަ ޗެލެންޖް ތަކެއް އެހެން ޓީމުތަކަށް ދޭނެކަމަށްވެސް އޮސްކާ ބުންޏެވެ. ނިއުއާއި އަލަށް ގުޅުނު ގްރުބާނީ އާމިރުގެ ކުޅުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އޮސްކާ ބުނީ އޭނާގެ ފަރާތުން ފެނުނު ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، ކުރިޔަށް އޮތް ތާގައި ޓީމުގެ ކުޅުންތެރިންނާއި މިއަށްވުރެ ބޮޑަށް ގުޅިގެން ކުޅެފިނަމަ މުސްތަޤްބަލުގައި އޭނާ ނިއުގެ މުހިއްމު ކުޅުންތެރިއަކަށް ވާނެކަމަށްެވެ.

"ވަރަށް އުނދަގޫ މެޗެއް މީ. މެޗުގެ ނުވަދިހަ މިނިޓުވެސް މި ދިޔައީ ވަރަށް ވާދަވެރިކޮށް. ކުރިޔަށް އޮތްތާގައި މާޒިޔާއިން ލީގުގައި އެހެން ޓީމުތަކަށް ވަރުގަދަ ޗެލެންޖެ ދޭނެކަމަށް މި ބަލަނީ. މެޗުގެ ނަތީޖާއާއި ދޭތެރޭ ހިތްހަމަޖެހޭ. ނިއުއާއި ގުޅި ކުޅުނު ފުރަތަމަ މެޗުގައި ގްރުބާނީ އާމިރު ދެއްކި ކުޅުން ހަމަ ވަރަށް ރަގަޅު. އަދި ކުރިޔަށް އޮތްތާގައި މިއަށްވުރެ ބޮޑަށް އޭނާގެ ކުޅުން ރަނގަޅުކޮށްފިނަމަ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް އޭނާ ވާނެ". ނިއުގެ ކޯޗު އޮސްކާ ބުންޏެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ ނަތީޖާއާ ދޭތެރޭ ހިތްހަމަ ނުޖެހުނަސް ކުޅުންތެރިން ދަނޑު މަތީގައި ކުރި މަސައްކަތް ފާހަގަކުރާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ޓީމުގެ ކުޅުން މިއަށްވުރެ ބޮޑަށް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް އިންމަ ބުންޏެވެ.

"މެޗާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެހެންނަމަވެސް ޓީމުގެ ކުޅުންތެރިން މެޗުގެ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ކުރި މަސައްކަތް ފާހަގަކުރަން. ކުރިޔަށް އޮތްތާގައި މިއަށްވުރެ ރަނގަޅު ވާނެ ކަމަށް މި ބަލަނީ ޓީމުގެ ކުޅުން". މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ފ.ނިލަންދޫ އާއި ވާދަކުރި މެޗުންނެވެ. ނިއުރޭޑިއަންޓް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައި ވާއިރު، އެޓީމު އެއްވަރުވީ ކްލަބް އީގަލްސް އާއި ވާދަކުރި މެޗުގައެވެ.