ޚަބަރު

ޖޯންސަން އާއި ޑޭވިސްގެ އިސްތިއުފާ- މޭއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް


އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. އިނގިރޭސި ޚާރިޖީ ވަޒީރު މަޤާމުން އިސްތިޢުފާ ދެއްވާފައި މި ވަނީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާ ބެހޭ މަޝްވަރާތަކަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުރި ވަޒީރު ޑޭވިޑް ޑޭވިސް މަޤާމުން އިސްތިޢުފާ ދެއްވިތާ ސައުވީސް ގަޑިއިރު ތެރޭގައެވެ.

މި ދެބޭފުޅުންނަކީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެންމެ ބާރު އަޅުއްވާފައި މަސައްކަތްކުރެއްވި ދެ ބޭފުޅުންކަމަށް ވާއިރު، މި ދެ ބޭފުޅުން ސަރުކާރުން ވަކިވެވަޑައިގަތުމަކީ ބޮޑު ވަޒީރު ތެރީސާ މޭގެ ސަރުކާރަށް ލިބިވަޑައިގަންނަވާ ފޫނުބެދޭފަދަ ގެއްލުމެއްކަމަށް މުރާސިލުން ބުނެއެވެ. މި ދެ ބޭފުޅުންވެސް މަޤާމުން އިސްތިއުފާދެއްވީ ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭގޮތުން އެ ޤައުމުން ކުރިއަށްގެންދާ މަޝްވަރާތަކާ ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

މަޤާމުން އިސްތިޢުފާ ދެއްވިކަން އިޢުލާނުކުރައްވާ ޖޯންސަން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ވިލާތުގެ އިއްތިހާދުން ވަކިވުމަކީ އިނގިރޭސިވިލާތުގެ އަމިއްލަ ކުރިއެރުމާ ތަރައްޤީއަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށާއި، އެހެންނަމަވެސް މިކަމާ ބެހޭގޮތުން އިނގިރޭސި ސަރުކާރުގެ ތެރޭގައި ހުރި ޝައްކުތަކުގެ ސަބަބުން މި ހުވަފެން ހަޤީޤަތަކާ ވުމާ ދުރަށްދާކަމަށެވެ. ޖޯންސަންގެ ބަދަލުގައި އިނގިރޭސިވިލާތުގެ ޚާރިޖީވަޒީރުކަމުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޖެރަމީ ހަންޓެވެ.