ކުޅިވަރު

ޒޯން 1 ގެ ޗެމްޕިއަންކަން ބަނޑޮސް ހޯދައިފި


އާރލާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސް ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ގްރޭންޑް ޕާރކް ކޮއްދިއްޕަރާއި ވާދަކޮށް ފައިނަލް މެޗު ބަނޑޮސް ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ޤައުމީ ޓީމްގެ ކުރީގެ ކޯޗު މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅުނު ގްރޭންޑް ޕާރކް ކޮއްދިއްޕަރު ގެންދިޔައީ މެޗުގެ ފުރަތަމަ ސެޓެވެ. އެއީ 25-20 ނެވެ. ޖެހިގެން އައި ތިން ސެޓް ބަނޑޮސް ގެންދިޔައީ 25-19، 25-22، އަދި 25-19 ނެވެ. ބަނޑޮސް ޓީމަށް އިރުޝާދުދިނީ ޤައުމީ ޓީމްގެ މިހާރުގެ ކޯޗު މުޙައްމަދު ސާޖިދުއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ބަނޑޮސް މޯލްޑިވްސްގެ އަހުމަދު އަބުދުލްކަރީމްއެވެ. މުބާރާތުގެ އެންމެ މޮޅުއައުޓްސައިޑް ސްޕައިކަރަކީވެސް އޭނާއެވެ. ސެކަންޑް އައުޓްސައިޑް ސްޕައިކަރަކީ ރީތި ރަށުގެ އާދަމް ނަސީމްއެވެ. އެންމެ މޮޅު ސެޓަރަކީ ބަނޑޮހުގެ އަހުމަދު ޝިމާއުއެވެ. ބެސްޓް މިޑްލް ޕްލޭޔަރަކީ ގްރޭންޑްޕާކް ކޮއްދިއްޕަރުގެ އަހުމަދު އަހުސަންއެވެ. ސެކަންޑް މިޑްލް ބްލޮކަރަކީ ބަނޑޮހުގެ ހުސެއިން ސައީދުއެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ގްރޭންޑްޕާކް ކޮއްދިއްޕަރުގެ ސަޖިތު ލާހިރުއެވެ. އެންމެ މޮޅު ލިބަރޯއަކީ އެޓީމްގެ އަހުމަދު ހުސެއިންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ބަނޑޮހުގެ އިސްމާއީލް ސާޖިދުއެވެ. އެންމެ މޮޅު ކޯޗަކީ އޭނާގެ ބޭބެ ބަނޑޮހުގެ މުޙައްމަދު ސާޖިދުއެވެ.