ކުޅިވަރު

ސްޕެއިންގެ ޤައުމީ ކޯޗުކަން ލުއިސް އެންރީކޭއަށް!


ސްޕެއިންގެ ހުސްވެފައިވާ ކޯޗުގެ މަޤާމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސައިފިއެވެ.

ވަރލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއެކު ވަގުތީ ކޯޗު ފެނާންޑޯ ހިއޭރޯ ވަނީ މަޤާމް ދޫކޮށްލާފައެވެ.
ސްޕެއިންގެ އެފް.އޭ އިން ބުނީ އެންރީކޭއާ ސްޕެއިން ފުޓްބޯޅައިގެ އެންމެ މުހިއްމު މަޤާމް ހަވާލުކުރީ އެކަމަށް އެކުލަވާލި ޓީމުގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.
ލުއިސް އެންރީކޭ ވަނީ ބާސެލޯނާއަށް ކޯޗުކޮށްދިން ދުވަސްތަކުގެ ތެރޭގައި ސްޕެނިޝް ލަލީގާ ދެ ފަހަރު ހޯދާ، ޗެމްޕިންސް ލީގާއި އަދިވެސް އިތުރު ކާމިޔާބީތަކެއް ހޯދައިދީފައެވެ.
ވަރލްޑްކަޕަށް ދިޔައިރު ފޭވަރިޓުންގެ ލިސްޓުގައި ހިމެނުނު ސްޕެއިން ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވަރލްޑް ކަޕް ފެށެން ދެތިން ދުވަހަށް ވެފައިވަނީ އޭރުގެ ކޯޗު މަޤާމުން ވަކިކުރުމެވެ. އެއީ އޭރު ކޯޗުގެ މަޤާމްގައި ހުރި ޔުލެން ލެޕެތެގީ ރެއާލް މެޑްރިޑްގެ ކޯޗުގެ މަޤާމާއި ހަވާލުވާން ނިންމުމުންނެވެ. ލެޕެތެގީ ވަކިކުރުމަށްފަހު ވަރލްޑް ކަޕްގައި ޓީމަށް އިރުޝާދުދިނީ ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯއެވެ.

ސްޕެއިން އެފް.އޭއިން އާ ކޯޗުގެ މަޤާމަށް ލުއިސް އެންރީކޭ ހަމަޖެއްސިކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެންރީކޭ އާއިއެކު އޭނާގެ ކޯޗުން ޓީމުވެސް އަންނާނެ ކަމަށެވެ.
އެންރީކޭ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާއަށްވެސް ކުޅެފައެވެ. އަދި ސްޕެއިންގެ ޤައުމީ ޓީމަށް ވަނީ ބާރަ މެޗު ކުޅެދީފައެވެ.