ޚަބަރު

އިތިއޯޕިއާ އާއި އެރިތުރިއާއިން ސުލްޙައިގެން ޤަރާރެއްގައި ސޮއިކޮށްފި


އިތިއޯޕިއާ އާއި އެރިތުރިއާއިން ސުލްޙައާއި އެކުވެރިކަމުގެ ޤަރާރެއްގައި ސޮއިކޮށް، އެތައް އަހަރެއްވީ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސްފިއެވެ. ޒަމާންވީ ދެ ހަތުރުންގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ މި ދެ ޤައުމުން ޤަރާރުގައި ސޮއިކޮށްފައިވަނީ، ދެ ފަރާތުގެ، ދިގުލައިގެންގޮސްފައިވާ ހަމަނުޖެހުންތައް ހުއްޓާލުމަށް މަޝްވަރާކުރަން ބޭއްވި ސަމިޓު ނިންމާލިތާ އެއް ދުވަސް ފަހުންނެވެ.

އިތިއޯޕިއާ އާއި އެރިތުރިއާއިން ސުލްޙަ އާއި އެކުވެރިކަން އިސްކުރުމަށް ގޮވާލާ މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، އެރިތުރިއާގެ ރައީސް އިސާއިއަސް އަފްވެރްކީ އާއި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީއްޔު އަޙުމަދެވެ.

މި ޤަރާރު އެކުލަވާލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ޙާލަތު ނިމުމަކަށް އައިކަމެވެ. ޤަރާރުގައި ހިމަނާފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި ސުލްޙައާއި ރަޙުމަތްތެރިކަމުގެ ޒަމާނެއް ފަހިކުރެވިފައިވާކަމަށާއި، ދެ ޤައުމުންވެސް ދެން މަސައްކަތްކުރާނީ ސިޔާސީ، އިޤުތިޞާދީ، އިޖުތިމާޢީ، ޘަޤާފީ އަދި ދިފާޢީ ގުޅުންތައް ޤާއިމުކޮށް ބަދަހިކުރުމަށް ކަމަށް ކަނޑައަޅާފައިވެއެވެ. ހަނގުރާމައާ ގުޅިގެން ދެ ޤައުމުން މެދުކަނޑާލާފައިވާ، ދަތުރުފަތުރާއި ވިޔަފާރި އާއި މުވާސަލާތީ ގުޅުންތައް އިޢާދަކުރާނެކަމަށްވެސް ޤަރާރުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ދެ ޤައުމުންވެސް ހަނގުރާމައިގެ ކުރިން އެއްބަސްވެފައިވާ ސަރަޙައްދީ ރޮނގު ބަލައިގަންނާނެކަމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

ހޯން އޮފް އެފްރިކާއަށް ނިސްބަތްވާ މި ދެ ޤައުމުގެ ގުޅުން ހީނަރުވެގެންދިޔައީ 1998 ވަަނަ އަހަރުން 2000 ވަނަ އަަހަރާ ހަމައަށް އެ ދެ ޤައުމުން ކުރި ހަނގުރާމައިގައި އިތިއޯޕިއާއިން އަތުލި އެރިތުރިއާގެ ބިމުގެ ސަރަޙައްދެއް އެ ޤައުމަށް އަނބުރާ ދިނުމަށް އދން އެންގި އެންގުމަށް އިތިއޯޕިއާއިން ދެކޮޅުހެދުމާ ގުޅިގެންނެވެ. އެ ހަނގުރާމައިގައި 80،000 މީހުން މަރުވިއެވެ.