ޚަބަރު

ތުލުސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


  • މިއީ 30 އެނދުގެ ހޮސްޕިޓަލެއް

  • މި މަސައްކަތަށް 101.71 މިލިއަން ރުފިޔާ ޚަރަދުވޭ

ކ.އަތޮޅު ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ތުލުސްދޫގައި ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

ތުލުސްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މީގެ އިތުރުން 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ ދަށުން ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީކުރުމަށް ހަަމަޖެހިފައިވެއެވެ. އަދި ލެބޯރެޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ތުލުސްދޫ ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ހޮސްޕިޓަލް އެޅުމަށް 101.71 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

1600އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތުލުސްދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާ މަރުކަޒެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު މިހާރު ދެމުންދާ ޚިދުމަތްތައް ފުޅާވެ އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.