ޚަބަރު

ވިޔަފާރީގެ ގިނަ ސިނާއަތްތަކެއް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ކުރިއަރާފައި


މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއަށް ބޮޑުކުރިއެރުމެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ. މަރުކަޒީ ބޭންކުން ނެރެފައިވާ ކުއާޓަރލީ އިކޮނޮމިކް ބްލެޓިންގ ގައި ވާގޮތުން ރާއްޖޭގައި މުދާ ވިކުނު އަދަދު ވަނީ 56 ޕަސެންޓް އިތުރުވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުއާޓަރލީ އިކޮނޮމިކް ބްލެޓިންގއަކީ ރާއްޖޭގެ އެކިއެކި ސިނާއަތްތައް ކުރިއަރަމުންއަންނަ މިންވަރު ބެލުމުގެ ގޮތުން އަހަރުގެ ކޮންމެ ކުއާޓާއެއްގައިވެސް އާންމުކުރާ ބްލެޓިންގ އެކެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައްކާގޮތުން 2017 ވަނަ އަހަރުގެ ފަހު ކުއާޓާއާއި އަޅާބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ވަނީ 88 އިންސައްތަ އިތުރުވެފައެވެ. މި އިތުރުވުމަކީ ފުރަތަމަ ކުއާޓާއަކީ ޕީކް ސީޒަނަކަށް ވުމުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަމަށް އެ ސަރވޭގައި ވަނީ ބުނެފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ ޒިޔާރަތްކުރީ 420،103 (ހަތަރުސަތޭކަ ވިހިހާސް ސަތޭކަ ތިން) ފަތުރުވެރިންނެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ސިނާއަތަށް ބަލާއިރު މިސިނާއަތްވަނީ ކުރިއަރާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މި ސިނާއަތްވަނީ 52 އިންސައްތައާއި 62 އިންސައްތައާއި ދެމެދުގެ ކުރިއެރުމެއް ހޯދާފައެވެ. އެމްއެމްއޭގެ ބިޒްނަސް ސަރވޭއިން ދައްކާގޮތުން މި ސިނާއަތް ކުރިއަރަން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުދަލުގެ ސްޓޮކް އިތުރުވުމާއި މުދަލުގެ އަގަށް އައި ބަދަލުތަކާއި އަދި އެނޫންވެސް ސަބަބުތަކާއި ގުޅިގެންނެވެ.

އިމާރާތްކުރުމުގެ ސިނާއަތް އެވްރެޖްކޮށް ބަލާއިރު މިމުއްދަތުގައި ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް 16 އިންސައްތައާއި 14 އިންސައްތައާއި ދެމެދުގެ ވިޔަފާރިތައް ކުރިއަރާފައިވާކަމަށް އެމްއެމްއޭގެ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ އިކޮނޮމިކް ބްލެޓިންގ ގައި ވަނީ އާންމުކޮށްފައެވެ. އަދި މިއަހަރުގެ 2 ވަނަ ކުއާޓާގައި މި ސިނާއަތް އިތުރަށް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.