ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، އެ އަޒުމު ގުޑުވައި ނުލެވޭނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގް މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމާޒަކީ ދިވެހި ފަސްގަނޑުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމާއި، މުސްތަޤުބަލަށް ދިވެހިވަންތަ މުސްތަޤިއްލު ހަޟާރަތެއް ޤާއިމްކުރުމާއި، އިޤްތިޞާދު ވަރުގަދަކުރުމާއި، އެކި ދާއިރާތަކުން ޒުވާނުން ބާރުވެރިކުރުވުމަށް ފަހި ފުރުޞަތު ތަކެއް ތަނަވަސްކޮށް ދިނުން ކަމަށެވެ. އަދި އެ އަޒުމު ގުޑުވައި ނުލެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް، ކީރިތި ޤުރްއާން ހިތުދަސް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހަމަޖެއްސުމާ ގުޅިގެން އެ ނިންމެވުމަށް ތާޢީދުކުރާކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއްވެސް ވަނީ ހާމަކުރައްވާފައެވެ. މި ނިންމެވުމަށް ތާޢީދުކޮށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންތަކެއް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއިދުކުރަން ނިންމީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ދީނީ ގޮތުންނާއި ޢިލްމީ ރޮނގުން ފުންނާބު އުސް ބޭފުޅަކު ހަމަޖެއްސެވުމުން ކަމަށެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ޝަހީމް ހަމަޖެއްސެވުމަކީ ޢިލްމުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެކަމުން ހާމަވެގެން ދަނީ ރައީސް ޔާމީން ދީނީ ކަންކަމަށާއި، ޢިލްމްވެރިންނަށް ފުރުޞަތުދޭން ބޭނުން ފުޅުވާ މިންވަރު ކަމަށެވެ. އަދި ޑރ. ޝަހީމް އެމަޤާމަށް އަތުވެއްޖެނަމަ އެކަމުގެ ހެޔޮ އަސަރު ޢިލްމްވެރިންނަށް ކުރާނެ ކަމަށާއި ޤައުމުގެ ކަންކަން ނިންމުމުގައި ދީނީ ޢިލްމްވެރިންގެ ބައިވެރިވުން ހިމެނިގެންދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ކަނޑައަޅާފައިވާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިވަގުތު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސްލާރގެ މަޤާމުގައެވެ. ޑރ.ޝަހީމަކީ މިސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.