ޚަބަރު

ކުރީގެ ނާއިބު ރައީސް ވަޙީދުއްދީން، ޑރ. ޝަހީމަށް ތާޢީދުކުރައްވާކަން ހާމަކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ކުރީގެ ނާއިބު ރައީސް މުޙައްމަދު ވަހީދުއްދީން (ޑީން) ތަޢީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

މުޙައްމަދު ވަހީދުއްދީން (ޑީން) ރާއީސް ޔާމީންއާއި ޑރ. ޝަހީމަށް ތަޢީދުކުރައްވާކަން ހާމަކުރެއްވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓަށް މަރުޚަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ. ޑީން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމިންގެ ރަނިންމޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަން ކުރެއްވުމަކީ، ޑރ. ޝަހީމްގެ ލީޑާރޝިޕްގެ ދަށުން ރާއްޖެ އިތުރު އުސްމިންތަކަކަށް ދަތުރު ކުރާނެކަމެއްކަމަށެވެ. އަދި ޑރ. ޝަހީމަށް ވަނީ މަރުޚަބާ ދަންނަވާފައެވެ.

މުޙައްމަދު ވަހީދުއްދީނަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ރައީސްކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސްލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިޚްތިޔާރުކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ފުންނާބުއުސް އެތައް ބޭފުޅުންނެއް އަންނަނީ ރައީސް ޔާމީނަށާއި ޑރ. ޝަހީމަށް މަރުޚަބާ ދަންނަވާ އެދެބޭފުޅުންގެ ފަހަތްޕުޅުގައި ތިއްބެވިކަން ހާމަކޮށް ޝުޢޫރު ފާޅުކުރަމުންނެވެ.