ޚަބަރު

ވާހަކަ ދެއްކުމުގެ 33 ވަނަ ޤައުމީ މުބާރާތް ފަށައިފި


ވާހަކަ ދެއްކުމުގެ 33 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ކުރިއަށްދަނީ ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ. މިއަދު ހެނދުނު ޕޮލިޓެކްނިކްގައި އޮތް ރަސްމިއްޔާތެއްގައި މުބާރާތުގެ ފެށުން އިފްތިތާޙުކޮށްފައިވާއިރު، މުބާރާތުގެ ވާހަކަދެއްކުން ކުރިއަށްދާނީ ހަވީރު އަހަތަރަކުން ފެށިގެންނެވެ. މިމުބާރާތް މިމަހުގެ ސައުވީސްވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެކަމަށް ދިވެހި ބަހުގެ އެކަޑެމީން ބުނެއެވެ.

18 ސްކޫލަކުން 225 ދަރިވަރުން ބައިވެރިވާ މިމުބާރާތުގައި މި ފަހަރު ފުވައްމުލަކާއި އައްޑޫ ސިޓީގެ ދެ ސްކޫލަކުންވެސް ބައިވެރިވެއެވެ. ތިން ޢުމުރުފުރާއަށް ބަހާލައިގެން މުބާރާތްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ދެކުއްޖަކުވެސް ބައިވެރިވެ ވާދަކުރާނެކަމަށް އެކަޑަމީން ބުނެއެވެ.

މިއަހަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ ޢުމުރު ފުރައާއި 13 އަހަރާއި 16 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ އިތުރުން 16 އަހަރާއި 21 އަހަރުގެ ޢުމުރުފުރާ ހިމެނެއެވެ.

އަލްއުސްތާޛް އިބްރާހީމް ޝިހާބްގެ ވާދައިގެ ތައްޓަށް ކުރިއަށްގެންދާ މިމުބާރާތުގައި މިއަހަރު އޮފީސްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ބަހުސަށް ޚާއްސަ ބައެއްވެސް ހިމަނާފައިވޭ. މިބައިގައި ހަތް ޓީމަކުން ވާދަކުރާކަމަށް އެކަޑަމީން ބުނެއެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު ނުވަގަޑި ފަނަރައިން ހަވީރު ހަތަރު ގަޑި ފަނަރަ އަށް އަދި ރޭގަނޑު އަށްގަޑި ފަނަރާއިން ފެށިގެން މުބާރާތް ކުރިއަށްދާނެއެވެ. އަދި ވޯލްޑް ކަޕްގެ މެޗުތަކާއި ދިމާވާ ރޭގަނޑުގެ ދަންފަޅިތައް އެދުވަހެއްގެ މެނދުރު އެއްގަޑި ފަނަރައިގައި ހަމަޖައްސާފައިވާކަމަށްވެސް އެކަޑަމީން ބުނެއެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އެންމެ ފުރަތަމަ ބޭއްވީ ނަވާރަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުއެވެ.