ޚަބަރު

މި ދިޔަ ހަފްތާގައި އެކަނިވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިން - އެލައިޑް


ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށް އެލައިޑް އިންޝުއަންރެންސް ކޮމްޕެނީން ބުނެފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުން އަންނަ އެލައިޑުން ބުނީ މިހިނގާ ޖުލައިމަހުގެ 1 އިން 5 ގެ ނިޔަލަށް އެކަނިވެސް އެއް މިލިއަން އެއް ސަތޭކަ ބާވިސް ހާސް ހަ ސަތޭކައަށް ވުރެ ގިނަ ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި އެކުންފުނީގެ އެކި ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށެވެ.

ގުދުރަތީ ކާރިސާތަކާއި، ޙާދިސާތަކުގައި އާއްމުންގެ ގޯތިގެދޮރާއި، މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސްގެ ޚިދުމަތް އެލައިޑުން ފޯރުކޮށްދޭއިރު، އެކުންފުނިން ވަނީ ވިޔަފާރިތަކާއި އާއްމު ފަރާތްތަކުގެ ބޭނުންތަކަށް ފެތޭނެހެން ތަފާތު ޕްރޮޑަކްޓުތައް ތަޢާރަފުކޮށްފައެވެ. އަދި މި ޕްރޮޑަކްޓުތަކަށް އާއްމުންގެ ފަރާތުންވެސް ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަން އެކުންފުނިން ފާހަގަކުރެއެވެ. އެލައިޑުން ވަނީ މިދިޔަ އަހަރު އެކަނިވެސް 117.8 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި ދޫކޮށްފައެވެ.

އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ. އެ ކުންފުނި އުފެއްދީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި އެސްޓީއޯ ގުޅިގެން 1985 ވަނަ އަހަރުއެވެ. ނަމަވެސް 1987 ވަނަ އަހަރު އެލައިޑްގައި އޮތް ކޮމާޝަލް ޔޫނިއަންގެ ހިއްސާ އެސްޓީއޯ އިން ވަނީ ގަނެފައެވެ.