ޚަބަރު

ޖަޕާނުގައި ފެންބޮޑުވެ 62 މީހުން މަރުވެއްޖެ


ޖަޕާނަށް އާދިޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 62އަށް އަރައިފިއެވެ. ޖަޕާނުގެ ދައުލަތުގެ މީޑިއާ އެން.އެޗް.ކޭ.އިން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން 44 މީހުން ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާކަމަށެވެ.

ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ސަރަޙައްދު ވަރަށް ނުރައްކާ ޙާލަތެއްގައި ވާކަމަށް، ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޖަޕާނުގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވިއްސާރައިގެން ސަބަބުން އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އަނެއްކާވެސް ބޯކޮށް ވާރޭ ވެހުން އެކަށިގެންވާކަމަށެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ނުރައްކާތެރި ޙާދިސާތައްވެސް ވަނީ ހިނގާފައެވެ. ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ، ނުރައްކާ ހިސާބުތަކުގައި އުޅެމުންދާ ދެ މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިރުޝާދުދީފައެވެ.

ގެއްލިފައިވާ މީހުން ހޯދުމަށާއި، ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށް ތިރީސް ހަތަރު ހާސް މީހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.