ކުޅިވަރު

ޕިކްފޯޑުގެ ކުޅުމާމެދު އިނގިރޭސި ކުރީގެ ކީޕަރުން ހިތްހަމަޖެހިފައި


އިނގިރޭސި ޤައުމީ ކީޕަރު ޖޯޑަން ޕިކް ފޯޑް ވޯލްޑް ކަޕުގައި ދައްކަމުން އަންނަ ކުޅުމާމެދު އިނގިރޭސި ކުރީގެ އެންމެ މޮޅު ކީޕަރުން ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.
އިނގިރޭސިން ދުށްް އެންމެ ކާމިޔާބު ކީޕަރު ކަމަށްވާ ޕީޓަ ޝިލްޓަން ބުނީ ކުއާޓާ ފައިނަލުގައި އިއްޔެ ސްވިޑްންއާ ދެކޮޅަށް ޕިކްފޯޑް ކުރީ "އެފަދަ ދެވަނަ އެއްނެތް ތިން ސޭވް،" ކަމަށެވެ.

" އަހަރެން ލޯބިކުރަން އޭނާ ހަޅޭއްލަވައި ހަދާތީވެ، އެންމެ ފަހަތުގައި ހުންނަ ކުޅުންތެރިޔާގެ ގޮތުން. އޭނާ ވަނީ މިހާތަނަށް ވަރަށް މޮޅު ކުޅުމެއް ދައްކާފައި. (އިއްޔެގެ މެޗުގައި) އެކުރީ އެފަދަ ދެވަނަ އެއްނެތް ތިން ސޭވް،" 24 އަހަރުގެ ކީޕަރާ ބެހޭ ގޮތުން 1990 ވަނަ އަހަރުގެ ވަރލްޑް ކަޕުގެ ހަތަރު ވަނަ ހޯދި އިނގިރޭސި ޓީމުގެ ގޯލް ބެލްހެއްޓި ޝިލްޓަން ބުންޏެވެ.

ކުރީގެ ކީޕަރު ޑޭވިޑް ސީމަންވެސް ވަނީ ޕިކްފޯޑަށް ތައުރީފްކޮށްފައެވެ.

" މުޅިން އަލަށް ގައުމީ ޓީމަށް ބޮޑު މުބާރާތެއް ކުޅޭއިރު ކުޅުންތެރިއެއްގެ ފުށުން ފެންނަ އެއްވެސް ޕްރެޝަރެއް އޭނާގެ ފަރާތުން ނުފެނޭ. ވަރަށް އިތުބާރާއެކު ކުޅޭތަން މިފެންނަނީ. އިނގިރޭސި ކުރިމަގުގެ ޖީލުތަކަށް ޕިކްފޯޑް މި ދައްކައިދެނީ ނަމޫނާއެއް،" 2002 ވަނަ އަހަރުގެ ކުއާޓާ ފައިނަލް ކުޅުނު ޓީމުގެ ކީޕަރު ސީމަން ބުންޏެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޕިކްފޯޑެވެ. އޭނާ ބުނީ މެޗުގައި ހާސްވާންޖެހޭ އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ.

"މިއީ ފުޓްބޯޅަ. ބޮޑު މުބާރާތްތަކުގެ އެންމެ މުހިންމު ހިސާބުގެ މެޗުތައް ކުޅެވުމަކީ، ފުޓްބޯޅަ ކުޅުމަކީ ފުޓްބޯޅަ ކުޅުން ކަމަށްވާނީ. އަހަރެން މިކަމާމެދު ދެކެނީ ވަރަށް ސިމްޕަލްކޮށް. ދަނޑަށް ނުކުންނަނީ މެޗު ކުޅެން. އަހަރެންގެ އެއްވެސް ޕްރެޝަރެއްނެތް. އަބަދުވެސް ބަލަނީ ޓީމު މޮޅުކޮށްދޭން. ކޮންމެ ތާކު ކުޅުނަސް މިކުޅެނީ ފުޓްބޯޅަ ދަނޑެއްގައިވީމަ އަހަރެންނަށް އެނޫން ތަފާތު އިހުސާސެއްނުކުރެވޭ،" ޕިކްފޯޑް ބުންޏެވެ.