ކުޅިވަރު

ބްރެޒިލް ކެޓުމަކީ އެންމެ ބޮޑު ހިތްދަތިކަން: ނޭމާ


ވަރލްޑް ކަޕުން ބްރެޒިލް ކެޓުމަކީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑޫ ހިތްދަތިކަން ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.
ވަރލްޑް ކަޕުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން 2-1 ން ބަލިވުމުންނެވެ.

"އަހަންނަށް ބުނަން ކެރޭ މިއީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްދަތި ވަގުތޭ. މި ގޮތަށް ބަލިވެގެން އެނބުރި ފުޓްބޯޅަ ކުޅެން ދިއުމަކީ ފަސޭހަ ކަމެއްނޫން. އެކަމަކު އަހަރެން ހިތްވަރުކޮށްފައި އެނބުރި ދަނޑަށް ނުކުންނާނަން. ތަށި ހޯދަން އަހަރުމެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެ ހުވެފެން މިފަހަރު ހަޤީގަތަކަށްނުވީ. އެކަމަކު މިއީ ނިމުމެއްނޫން،" ނޭމާ ބުންޏެވެ.

މުބާރާތުގައި ދެ ގޯލު ޖަހާފައިވީ ނަމަވެސް ނޭމާއަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާ ކަމަށް ބުނާ މީހުންނަށް ފާޑުކިޔަމުން ނޭމާ ބުނީ އޭނާ މުޅި ޓީމުގެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް އެމީހަކަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރި. އަހަރެން ހުރިހާ ކުޅުންތެރިންނާމެދު ވެސް ފަހުރުވެރިވަން. މި ޓީމު އަދި އެނބުރި މިއަށްވުރެ ގަދަ ޓީމެއްގެ ގޮތުގައި އަންނާނެ. ބްރެޒިލްގެ ޓީމުގައި މުސްތަޤްބަލް އެބައޮތް،" ޕީއެސްޖީގެ ފޯވަޑް ބުންޏެވެ.