ޚަބަރު

ސަޓާގެ އެންމެ ފަހު ޤައުމުގެ އިވެލުއޭޝަން ފަށައިފި


ސައުތު އެޝިއަން ޓްރެވެލް އެވޯޑް (ސަޓާ) ގެ އެންމެ ފަހުގެ އިވެލުއޭޝަންތައް ފަށައިފިއެވެ. މި އިވެލުއޭޝަން ކުރިއަށްގެންދަނީ ބޫޓާންގައެވެ. ސަޓާ އެވޯޑް ކުރިއަށްގެންދާ ހައިރައިޒުން ބުނީ ބޫޓާންގެ އިވެލުއޭޝަންތައް ޕާރޯގައި ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ބޫޓާންގެ އިވެލުއޭޝަންތަކުގައި އެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތެއް ފަނޑިޔާރުންގެ ޕެނަލްގައި ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ.

ސަޓާގެ މިއަހަރުގެ އިވެލުއޭޝަންތައް އެންމެ ފުރަތަމަ ފެށީ ރާއްޖެއިންނެވެ. އެގޮތުން ޖޫންމަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިވެލުއޭޝަންތައް ވަނީ ބާއްވާފައެވެ. އޭގެފަހުން ލަންކާ، ބެންގަލޫރު، ދިއްލީ އަދި ނޭޕާލްގެ އިވެލުއޭޝަންތައް ވަނީ ނިންމާލާފައެވެ.

މިއަހަރުގެ ސަޓާގައި 50 ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު އެވޯޑަށް ވާދަކުރާނީ ޖަޖިންގ ޕެނަލުން ދޭ މާރކްސްއާއި އޮންލައިން ވޯޓުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކެވެ.

މިއަހަރުގެ ޖަޖިންގ ޕެނަލްގައި މުޅިންވެސް ޙަރަކާތްތެރިވަނީ ކަނބަލުންނެވެ. އޭގެތެރޭގައި ހިމެނެނީ ސްރީލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ޙަރަކާތްތެރިވެފައިވާ އަމާލް ގުނަތިލަކައާއި، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކޮށްފައިވާ ރިންކޫ މަދަންއާއި، ދިވެހި ރާއްޖެއިން ހިންނާ ޚާލިދެވެ.

މިއަހަރުގެ އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 14 އިން 15 އަށް އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުންބާއީގައެވެ.