ކުޅިވަރު

5 ފަހަރު ޗެމްޕިއަން ބްރެޒިލް ކަޓުވާލައި ބެލްޖިއަމް ސެމީ ފައިނަލަށް!


ވޯލްޑްކަޕްގެ އެންމެ ބޮޑު ފޭވަރިޓުންކަމަށްވާ ބްރެޒިލް ކަޓުވާލައި ބެލްޖިއަމް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލްގައި މިރޭ ފަސް ފަހަރު ޗެމްޕިއަން ބްރެޒިލް މައްޗަށް ބެލްޖިއަމް ކުރި ހޯދީ ދޭއް އެކަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ބެލްޖިއަމުން ނިންމާލީވެސް ދެ ގޯލް ކުރީގައި އޮވެއެވެ. ފުރަތަމަ ލަނޑަކީ ބްރެޒިލްގެ މިޑްފިލްޑާރ ފެނާންޑީނިއޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބެލްޖިއަމްގެ ދެވަނަ ލަނޑު ޖަހައިދިނީ ކެވިން ޑިބްރައިނާއެވެ. ދެވަނަ ހާފުގައި ބްރެޒިލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެނާޓޯ އޮގަސްޓޯއެވެ.

މިއީ 1986ވަނަ އަހަރުގެ ފަހުން ބެލްޖިއަމް ވޯލްޑްކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއިއެކު މި މުބާރާތުގައި ބާކީ އޮތީ ހުސް ޔޫރަޕްގެ ގައުމުތަކެވެ. އެހެންކަމުން 2006ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސެމީ ފައިނަލްގައި މިއަހަރު ޔޫރަޕްގެ ހަތަރު ގައުމެއް ވާދަކުރާނެއެވެ.

މެޗުގައި ބްރެޒިލުން 26 ހަމަލާއެއް އުފެއްދިއިރު ގޯލާއި އަމާޒުކޮށް ނުވަ ހަމަލާއެއް ފޮނުވާލިއެވެ. ބްރެޒިލްގެ ހަމާލާތައް ދިފާއުކުރުމުގައި ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ބެލްޖިއަމް ނިކުންނާނީ އުރުގުއާއީ ބަލިކޮށް ސެމީން ޖާގަ ހޯދި ފްރާންސާއި ދެކޮޅަށެވެ.