ޚަބަރު

ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތަކީ، ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، މަގުތަކަކީ ދުއްވަން ފަސޭހަ ރައްކާތެރި މަގުތަކަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢުދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ފޮނަދޫ މަގުހެދުމުގެ މަޝްރުޢުގައި އެރަށުގެ 80 އިންސައްތަ މަގުގައި ތާރުއެޅާނެއެވެ. މީގެ ތެރޭގައި ކުރިން ތާރުއަޅަން ނިންމާފައިނުވާ ގިނަ މަގުތަކެއްގައިވެސް ތާރުއެޅުމަށް މިހާރު ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ސާމާނު އެރަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ފުނަދޫއަކީ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަަށްވާތީ މިކަމުގެ ފަސޭހަވާނީ ހަމައެކަނި ފުނަދޫ ރައްޔިތުންނަށް ނޫންކަމަށާއި، ހުރިހާ ރަށަކަށް މިކަމުގެ ފައިދާ ކުރާނެކަމަށެވެ. މީގެ އިތުރުން މިސަރުކާރުން ތަރައްޤީ ގެންނަނީ ހަމައެކަނި މާލެއަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިފަދަ ބޮޑެތި މަޝްރުޢުތަކުން ފެނިގެންދަނީ ރައީސް ޔާމީން އަތޮޅުތައް ތަރައްޤީކުރުމަށް އިސްކަންދެއްވާ މިންވަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ރުހުނު ކުންފުންޏާއެވެ. ނަމަވެސް މަސައްކަތް ލަސްވަމުންދާތީ ކޮންޓްރެކްޓަރު އަތުން މަސައްކަތް ނެގުމަށްފަހު މިހާރު މި މަސައްކަތް ކުރަމުންދަނީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކް ސަރވިސްއިންނެވެ. ފުނަދޫ މަގުތައް ހެދުމުގެ މަސައްކަތް އޯގަސްޓްމަހުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފުނަދޫ މަގުހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުންފުނިތަކުގެ އިސްވެރިންނާއި ފުނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.