ވިޔަފާރި

މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތަށް 4 އަހަރު


ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތް ފުޅާވެ، އެކި ސަރަޙައްދުތަކުގައި އެއަރޕޯޓުތައް ތަރައްޤީކުރަމުންދާއިރު، ސީޕްލޭން އޮޕަރޭޝަންތަކަކީ ވަރަށްވެސް މުހިއްމު އަދި އެހާމެ ބޭނުންތެރި ދާއިރާއެކެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތަށް 4 އަހަރު ފުރިގެންދާއިރު، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އެކުންފުނިން ވަނީ މިދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުރިއެރުންތައް ޙާސިލުކޮށްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، އެ ފަތުރުވެރިން ރާއްޖޭގެ މައި ގޭޓުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެތެރެވުމަށްފަހު، ޗުއްޓީ ހޭދަކުރުމަށްޓަކާ ބުކްކޮށްފައިވާ ރިސޯޓާއި ހިސާބަށް ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ރާއްޖޭގައި އޮޕަރޭޓްކުރާ ސީޕްލޭންތަކެވެ. އެހެންކަމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުވެރިންނާއި އެއްވަރަށް ސީޕްލޭންގެ ޚިދުމަތަށް އޮންނަ ޑިމާންޑްވެސް ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ސީޕްލޭންގެ ޚިދުމަތް ދޭން ފަށާފަވަނީ 2014 ވަނަ އަހަރެވެ. އޭރު އެކުންފުނިން މި ޚިދުމަތް ދިނުމަށް ބޭނުންކޮށްފައިވަނީ އެންމެ 2 ސީޕްލޭނެވެ. އެހެންނަމަވެސް ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެކުންފުނީގެ ސީޕްލޭން ފްލީޓުގެ އަދަދު 11 އަށް އިތުރުކޮށް، ދަތުރުކުރާ މަންޒިލުތަކުގެ އަދަދުވެސް އިތުރުކޮށްފައެވެ. އެގޮތުން ރާއްޖޭގެ 13 ސަރަޙައްދަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ހަމަ ލޮލުން ދެކި، އެކަންކަން ތަޖުރިބާކޮށްލުން ކަމަށްވާއިރު، ފަތުރުވެރިންނަށް ވިހާވެސް ފުޅާދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނުން ޚާއްޞަ ސަމާލުކަމެއްދެއެވެ. އެގޮތުން ޝެޑިއުލް ސީޕްލޭން ދަތުރުތަކުގެ އިތުރުން، ޗާރޓާޑް ފްލައިޓްތަކާއި، ފޮޓޯ-ފްލައިޓް، އަދި ހަމައެހެންމެ ވީއައިޕީ ފްލައިޓުތަކުގެ ޚިދުމަތަކީ އެކުންފުނީގެ ސީޕްލޭން އޮޕަރޭޝަންތަކުގެ ތެރެއިން ފަތުރުވެރިންނަށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާވެ، އަލަށް ތަރައްޤީކުރާ ރިސޯޓުތަކާއި، ޑޮމެސްޓިކް އެއަރޕޯޓުތަކާއެކު، ސީޕްލޭންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަކީވެސް އެކުންފުނީގެ އަމާޒެކެވެ. އަދި މިކަމަށް ކޮށިގެންދާ އެންމެ މުހިއްމު އެއް މަގަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރަމުންދާ ސީޕްލޭން ޓާމިނަލެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން-ބޭސް މިވަގުތު އޮތީ ރާއްޖޭގައި ކަމަށްވެފައި، އައު ސީޕްލޭން ޓަރމިނަލާއެކު، މޯލްޑިވިއަންގެ އޮޕަރޭޝަންތައްވެސް އިތުރަށް ފުޅާކުރުމަށް ފުރުޞަތު ލިބިގެންދާނެކަން އެކުންފުނިން ފާހަގަކުރެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކާ އައިލެންޑް އޭވިއޭޝަނުން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 2000 ވަނަ އަހަރު އެންމެ 2 އެއަރކްރާފްޓާއެކު ޚިދުމަތްދޭން ފެށިނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެކުންފުނީގެ ފްލީޓުގެ އަދަދު އިތުރުކޮށް، ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ސީޕްލޭންގެ ޚިދުމަތާއި، ވަން-ސްޓޮޕް ޓްރެވަލިންގގެ އިތުރުން ކާގޯގެ ޚިދުމަތް އެކުންފުނިން ފުޅާދާއިރާއެއްގައި ފޯރުކޮށްދެއެެވެ.