ޚަބަރު

ސްޓޮކް މަދުވުމުގެ ސަބަބުން 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓް އަލުން ޗާޕުކޮށްފި


ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ، ރަން ދިހަފަހެއްގެ ފައިސާ ނޫޓު ސީރީޒް ގެ ނޫޓުތަކުގެ ތެރެއިން 10 ރުފިޔާގެ ނޫޓާއި 100 ރުފިޔާގެ ނޫޓް އަލަށް ޗާޕްކޮށްގެން ރާއްޖެގެނެސްފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދެ ނޫޓް މިފަހަރު ޗާޕްކޮށްގެން ގެނައީ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުންކަމަށެވެ. އަލަށް، ޗާޕުކޮށްގެން ގެނައި ނޫޓުތައް، ދައުލަތުގެ ޚަޒާނާގައި ވަނީ ރައްކާކޮށްފައިވާކަމަށާ އެނޫޓުތައް ރާއްޖެ ގެނައީ މިމަހުގެ ފަސްވަނަދުވަހުކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. ނަމަވެސް ޗާޕުކޮށްގެން ގެނައީ ކިހާ ޢަދަދެއްގެ ފައިސާކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.

"ރަންދިހަ ފަހެއް" ގެ ނަމުގައި އާ ނޫޓު ސީރީޒް ބޭނުންކުރަންފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ނޫޓް ސީރީޒް ރަސްމީކޮށް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭކަން ފާހަގަކުރެވެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

މީގެ އިތުރުން އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުންގަޑު، އަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާންހުރެއެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ލޯފަން މީހުންނަށްވެސް އެނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ޚާއްސަ ބައިތަކެއް އެކުލެވެއެވެ.