ޚަބަރު

"ހިޔާ" މަޝްރޫޢުގެ ފޯމް ބަލައިގަންނަ މުއްދަތު އިތުރުކޮށްފި


"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓުތަކަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި މުއްދަތު އިތުރުކުރުމަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓުތަކަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށާއި، އެގޮތުން އަންނަ އޮގަސްޓުގެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަންނާނެ ކަމަށެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ މިހާތަނަށް 4767 ފަރާތަކުން ހިޔާ ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް ލިބޭ ތަރުހީބު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރީވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ހިޔާގެ ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހިޔާ ފޯމު ބަލައިގަތުން މިހާރު ދަރުބާރުގޭގައި ކުރިއަށްދިޔަ ނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ފޯމް ބަލައިގަންނާނީ ހައުސިންގ މިނިސްޓްރީން ކަމަށެވެ. އެގޮތުން ހިޔާ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހައުސިން މިނިސްޓްރީގައި ކުރިއަށް ގެންދާގޮތަށް ހަމަޖެއްސީ ފޯމު ލާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކަމަށް މިނސިްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓްރީ ތެރޭގައި މިހާރު ޤާއިމުކޮށްފައިވާ ނިޒާމަކީ އާންމުންނަށް ފަސޭހަ ކަމާއެކު ފޯމު ނެގުމާއި ފޯމު ލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ވަރު ހާމަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ ފްލެޓެއްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަަމަށާއި މިހާރު ހުރިހާ ފްލެޓެއްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ކައިރި މުސްތަޤުބަލެއްގައި އެ މަސައްކަތް ނިމޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ހިޔާ" މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ 7000 ފުލެޓަށް ކުރިމަތިލުމަށް ފޯމް ދޫކުރަން ފަށާފައި ވަނީ މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުއެވެ. އެގޮތުން އެ މަސް ނިމުމުގެ ކުރިން 40،000 އަށް ވުރެ ގިނަ ފޯމް ދޫކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.