ކުޅިވަރު

ނެޝަނަލް ފުޓްބޯލް އެކަޑަމީގެ ބިންގާ އަޅައިފި


ނެޝަނަލް ފުޓްބޯލް އެކަޑަމީގެ އިމާރާތުގެ ބިންގާ ޔޫތް ސިޓީގައި މިއަދު އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އިރުޠިޝާމް އާދަމްއާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނާސިފްއެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަހުކޮޅު ނެޝަނަލް ފުޓްބޯލް އެކަޑަމީ ހުޅުވާނެކަންވެސް އެފްއޭއެމްއިން ވަނީ އިއުލާންކުރައްވާފައެވެ. ބިންގާ އެޅުއްވުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާ އޮކްޓޯބަރުމަހުގެ ކުރީކޮޅު އިމާރާތަށް ވަދެވޭނެކަމަށެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އޮފީހަކާއި، ބޮޑު އެއް ޓާފް ދަނޑާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ޖިމާއި މިސްކިތެއް އެޅުމުގެ މަސައްކަތެވެ.

ޔޫތް މިނިސްޓަތ އިރުތިޝާމް އާދަމް ވިދާޅުވީ އިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 15 މިލިއަން ރުފިޔާ ކަނޑައަޅުއްވައިވާކަމަށެވެ. އަދި ނެޝަނަލް ފުޓްބޯލް އެކަޑަމީއަށް ދެލައްކަ ތިރީސް ހާސް އަކަފޫޓްގެ ބިމެއް ޔޫތް ސިޓީން ކަނޑައަޅުއްވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ކުޅިވަރު ކުރިއެރުވުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރަން. އެމަނިކުފާނު ޒުވާނުންނަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވަން " މިނިސްޓަރ ވިދާޅުވިއެވެ.

ދެވަނަ ފިޔަވައްސާއެކު އެކަޑަމީގެ މަސައްކަތް ނިމޭއިރު ބޮޑު އެއް ޓާފް ދަނޑާއި، މިނީ ޕިޗްގެ ދެ ދަނޑާއި ސްވިމިންގ ޕޫލަކާއި، ޖިމަކާއި، ކުދިންނަށް ތިބެވޭ އެކޮމަޑޭޝަން ބްލޮކެއް ހިމެނޭނެއެވެ. އެޑަމީ އިތުރަށް ވަރުގަދަ ކުރުމަށް ބޭރުގެ އެންމެ ބޮޑު އެއް އެކަޑަމީއާއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި، މިހާރު ކުރިއަށްދާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިމުމާއިއެކު އެއްބަސްވުމަކަށް އާދެވޭ ވަރުވާނެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެކަޑަމީގެ ދައުރު ވަރަށް ބޮޑުވާނެކަމަށެވެ.

" އަދި މިއަދު މި މަސައްކަތް ފެށޭ އެކަޑަމީގެ ސަބަބުން ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ މިހާރު މި އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ކުރިއަރައިގެން ދާނެ. މި އެކަޑަމީގައި ކުރިއަށްދާނީ ހަމައެކަނި ފުޓްބޯޅަ ޓްރެއިނިންގ ދިނުމެއްވެސް ނޫން. މުޖުމަތަމައުއަށް ބޭނުންތެރި ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރެވޭވެ. " ބައްސާމް ވިދާޅުވިއެވެ.

މިއެކަޑަމީއަށް ކުދިން ހޮވުމުގައި އެފްއޭއެމްގެ ކޯޗުންނާއި ޓެކްނިކަލް ބައެއް މުއައްޒަފުން އަތޮޅުތެރެއަށް ގޮސް ކުދިން ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށޭނެކަންވެސް އެފްއޭއެމްއިން ވަނީ އިއުލާންކުރައްވާފައެވެ. އެކަޑަމީއަށް ނަގަނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ އެކަޑަމީތަކުގެ ކުދިންގެ ތެރެއިން ނެޝަނަލް ފުޓްބޯލް އެކަޑަމީއަށް ފެތޭ ފެންވަރުގެ ކުއްޖެއް ހުރިނަމަ، އެކުއްޖަކަށްވެސް ފުރުސަތު ދޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

އެކަޑަމީއަށް ގެންނަ ކުދިންގެ ކިޔެވުމުގެ ކަންތައްތައް ހަމަޖެއްސަނީ ހުޅުމާލޭގެ ސްކޫލަކުންނެވެ.