ކުޅިވަރު

ބްރެޒިލް މެޗަކީ ކުޅުންތެރިނަށް ހުވަފެނީ މެޗެއް - މާޓިނޭޒް


ޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މާދަމާ ރޭ ބްރެޒިލާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ވަރަށް ގިނަ ކުޅުންތެރިންގެ އުއްމީދުތަކާ ގުޅިފައިވާ މެޗެއް ކަމަށް ބެލްޖިއަމް ޓީމުން ބުނެފި އެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒް މިހެން ބުނީ ބެލްޖިއަމްގެ "ރަންޖީލު"ގެ ކުޅުންތެރިންނަށް ވޯލްޑް ކަޕް ކާމިޔާބު ކުރަން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނެތް ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ.

"މިއީ އަހަރުމެންގެ ވަރަށް ގިނަ ކުޅުންތެރިންނަށް ހުވަފެނީ މެޗެއް. މިމެޗުގައި މާގިނަ ސިއްރުތަކެއް ނޯންނާނެ. ކުރަންވީ ކަމަކީ ރަނގަޅަށް ޑިފެންސްކޮށްފައި އަހަރުމެންނަށް ބޯޅަ ލިބޭ ވަގުތު ބްރެޒިލްކޮޅަށް ގޯލު ޖެހުން،" ކޯޗު ބުންޏެވެ.

ބެލްޖިއަމް ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. މާޓިނޭޒް ބުނީ އޭނާގެ ޓީމުގައި ތަރިން ތިބި ކަމަށް ބުނާއިރު ބްރެޒިލް އަކީ މުބާރާތުގެ ފެވްރިޓުން ކަމަށެވެ. ނަމަވެސް ހަ ވަނަ ފަހަރަށް ދުނިޔޭގެ ތަށި ހޯދަން ބްރެޒިލް ކުރާ މަސައްކަތަށް އޭނާގެ ޓީމަށް ހުރަސް އެޅިދާނެ ކަމަށެވެ.

ބެލްޖިއަމްގެ ޓީމުގައި ތިބި ޔޫރަޕުގެ ގިނަ ތަރިންނަށް މިއީ އެންމެ ފަހުގެ ވޯލްޑް ކަޕަށްވުން ވަރަށް ގާތެވެ. ސަބަބަކީ 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފަށާއިރު ގިނަ ކުޅުންތެރިންގެ އުމުރު 33 އަށްވުރެ މަތިވާނެތީ އެވެ.