ކުޅިވަރު

ތިމަރަފުށި އަތުން ގްރީނަށް މޮޅެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ތ.ތިމަރަފުށި ވާދަކުރި މެޗު ދެ ލަނޑު ސުން ލަނޑުން ގްރީން ސްޓްރީޓުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ފެނިފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ކުރެވޭގޮތްނުވެފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްގެ އަސްއަދު އަލީ (އަޑުބަރޭ) އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި ގްރީން އަށް ލީޑު ނަގައިދިނީ 64 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ރަސެލްއެވެ. އަދި މީގެ ތިން މިނެޓު ފަހުން ގްރީންގެ ލީޑު ފުޅާކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ސަމްދޫހް މުހައްމަދެވެ. ގްރީން ސްޓްރީޓުން ދެ ލަނޑު ޖެހި ފަހުން ތިމަރަފުއްޓަށް ވަނީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަ ކުރުމަށް އެޓީމުގެ ބިދޭސީ ފޯވާޑް ކޮއާސީ އަށްވަނީ ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ފުރަތަމަ ބޯޅަ ދަނޑި ކައިރިން ބޭރަށް ދިޔައިރު ދެވަނަ ބޯޅަ ކީޕަރ ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ ޕްރިމިއަރ ލީގު ކުރިޔަށްދާ ގޮތާމެދު ފާޑުކިޔާފައެވެ. ސުޒޭން ބުނީ ކޮންމެ މެޗެއްގައި ދިހަ ވަރަކަށް ފަހަރު ކީޕަރ ވެއްޓޭތަން ވީޑިއޯކޮށް ފޮޓޯ ނަގަން ފުރުސަތު ލިބޭ ކަމަށާއި، އަދި ވިއްސަކަށް ފަހަރު ދަނޑު މައްޗަށް ސްޓްރެޗަރ އަރުވަން ޖެހޭ މަންޒަރު ފެންނަ ކަމަށެވެ. އެހެން ކަމުން މިކަން އިންތިޒާމްކޮށް ކުރިޔަށްގެންދާ ބަޔަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށްވެސް ސުޒޭން ބުންޏެވެ.

"ޕްރިމިއަރ ލީގު މިގޮތަށް ކުރިޔަށްދާތީ ވަރަށް އުފާވޭ. ކޮންމެ މެޗެއްގައި ކީޕަރ ވެއްޓިފައި އޮންނަ މަންޒަރު ފޮޓޯ ނަގާ ވީޑިއޯކޮށް ހަދަން ތިބޭފުޅުންނަށް އެބަލިބޭ ދިހަވަރަކަށް ފަހަރު ފުރުސަތު. އަނެއްކާ ކުޅުންތެރިން ދަނޑު މައްޗަށް ވެއްޓިގެން ވިއްސަކަށް ފަހަރު އަށިގަނޑު އެބަ އަރުވާ. އަޅުގަނޑު ހަމަ މިކަން އިންތިޒާމްކޮށް ކުރިޔަށްގެންދާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން މިކަން މިހެން ކުރިޔަށްގެންދާތީވެ." ކޯޗު އަލީ ސުޒޭން ބުންޏެވެ.

ލީގުގެ ފުލުގައި އޮތް ތިމަރަފުށި ޓީމުގެ މެނޭޖަރ އިބްރާހިމް ސަނާހު މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ، މި މެޗަށް ނުކުތީ އެންމެ ފަހުން ދިހައެއް ސުމަކުން ނިއުއަތުން ބަލިވި މެޗު ހަނދާން ނައްތާލުމަށްފަހު، ކުރިޔަށް ހުރި މެޗުތަށް ރަގަޅުކުރަންކަމަށެވެ. އެގޮތުން މި މެޗުން ނުކުތީ އުއްމީދު ކުރިވަރަށް ވުރެއްވެސް ރަގަޅު ނަތީޖާއެއްކަމަށް މެނޭޖަރ ބުންޏެވެ. ސަނާހު ބުނީ ޖުމްލަކޮށް ބަލާނަމަ މެޗު ދިޔައީ ވަރަށް ރަގަޅަށްކަމަށާއި، މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ގްރީންއަށް ޕެނަލްޓީއެއް ދިން ހިސާބުން ކަމަށެވެ.

"އަޅުގަނޑުމެން މި މެޗަށް ނުކުތީ އެންމެ ފަހުން ނިއުރޭޑިއަންޓް އަތުންވި ބަލި ހަނދާން ނައްތާލުމަށްފަހު، ކުރިޔަށް ހުރި މެޗުތަށް ރަގަޅު ކުރަން. ދެން މި މެޗުގައި މި ނެރެނު ނަތީޖާއަކީ އަސްލު އަޅުގަނޑުމެން އުއްމީދު ކުރިވަރަށްވުރެއްވެސް ރަގަޅު ނަތީޖާއެއް. ޖުމްލަކޮށްދެން މުޅި މެޗުވެސް ދިޔައީ ރަގަޅަށް. މެޗުގެ އޮއިވަރު ގެއްލުނީ ގްރީން އަށް ޕެނަލްޓީއެއް ދިން ހިސާބުން އަސްލު." ތިމަރަފުށި ޓީމުގެ މެނޭޖަރ މުހައްމަދު ސަނާހު ބުންޏެވެ.