ކުޅިވަރު

އަޝްފާގުގެ ދެ ގޯލާއިއެކު ފެހެންދޫ އަތުންވެސް ޓީސީއަށް މޮޅެއް


އަޝްފާގުގެ ދެ ލަނޑާއެކު ޓީސީ ސްޕޯޓްސް ކްލަބުން ފެހެންދޫ ބަލިކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި މިއަދު ހަވީރު ޓީސީ އާއި ފެހެންދޫ ވާދަކުރި މެޗް ޓީސީ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ.

މެޗްގެ ފުރަތަމަ ހާފްގެ ތޭވީސް ވަނަ މިނެޓްގައި ޓީސީއަށް ލީޑް ނަގައިދިނީ އަލީ އަޝްފާގެވެ. އިބްރާހިމް މަހުދީ ދެވަނަ ހާފުގެ ސައްބިސް ވަނަ މިނެޓްގައި ޓީސީއަށް ލީޑް ފުޅާކޮށްދިންއިރު މެޗްގެ ފަހު ލަނޑު ފަހު ހާފުގެ ތިރީސް ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަޝްފާގެވެ.

މެޗްގައި ޓީސީން ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަވަގުތުކުޅުނުއިރު، ފެހެންދޫގެ ފަރާތުން ފެނުނީ، މުޅި ޓީމް ފަހަތަށް ފައިބައިގެން ތިބި މަންޒަރެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމްބުނީ ފެހެންދޫއިން ފަހަތަށް ޖެހިގެން ކުޅުމުން ވަރަށް އުނދަގޫވި ކަމަށާއި ނަމަވެސް މެޗްގެ ކުރީކޮޅުގައި ޓީސީއަށް ލީޑް ލިބުމުން ހިތްހަމަޖެހުނު ކަމަށް. ޓީސީގެ ފަހު ލަނޑާ ހަމައަށްވެސް ފެހެންދޫ ޓީމް ކުރިއަށް އެރުވުމަށް ކުރި މަސައްކަތް ނާކާމިޔާބުވިކަން ކޯޗް ފާހަގަކުރިއެވެ.

"އެހާ ފަސޭހައެއްނުވާނެ އެއްވެސް ޓީމަކަށް އެގޮތަށް ޓީމް އެއްކޮށް ފަހަތަށް ޖައްސައިގެން ތިބެގެން ކުޅެންޏާމު ކުޅޭކަށް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފުރަތަމަ ސްޓާޓިންގްގަ ގޯލެއް އައުން، ގޯލެއް އައީމަ ދެން އެމީހުން އެހާވަރަށް ކޮއްޕާނުލަން، ކައުންޓައެޓޭކަށް ނުކުންނާނެކަން އިނގޭތީ. އަނެއްކޮޅުން ސްޕީޑް ކުޅުންތެރިން އެބަތިބި. އެހެންވެ ތަންކޮޅެއް ގިނައިން ބޯޅަ ހިފަހައްޓައިގެން ހައްތާވެސް އެމީހުން ކުރިއަށް ޖައްސައިގެން ކުޅޭވޭތޯ ބެލީ. އެކަމަކު ވަރަށް އޯގަނައިޒްޑް، ހަމަ ނުނުކުމެ އެމީހުން އެތިބި ލައިންގަ ތިބީ ގާތްގަނޑަކަށް ތިނެއް ސުމެއް ވީއިރުވެސް. ތިނެއް ސުމެއްގެ ފަހުން އެމީހުން ނުކުތީ. އެހެންވީމަ އަނެއްހެން އުނދަގު މެޗެއް ނަމަވެސް ތިންޕޮއިންޓް ލިބުނީމަ މީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ނިޒާމްބެ ބުންޏެވެ.

ފެހެންދޫ ޓީމްގެ މެނޭޖަރ މޫސާ ނަސީމް ބުނީ ޓީސީފަދަ ބޮޑު ޓީމަކާ ދެކޮޅަށް ފެހެންދޫން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މޮޅު ނުވިކަމުގައިވިޔަސް، އެހެން ޓީމްތަކާ ހިލާފަށް ގިނަގޯލްތަކެއް ފެހެންދޫ ޓީމްކޮޅަށް ނުވަނުމަކީ ހިތްހަމަޖެހުމެއް ކަމަށްވެސް މެނޭޖަރ ބުންޏެވެ.

"އަޅުގަނޑުމެންގެ ޓީމަށް މި ލިބުނު ނަތީޖާއަކީ ހަމަ ހިތްހަމަޖެހޭ ނަތީޖާއެއް އަސްލުގަ، އެކަމަކު ހަމަ ކުރިއަށް ހުރި މެޗްތަކުގަ ތަފާތު ނަތީޖާތަކެއް ފެނިގެންދާނެ، އެވަރުގެ ފައިޓެއްދޭނަން. މިއަދު މެޗްގަ ޓީމްގެ ކުޅުންތެރިން މި ދެއްކީ ހަމަ އެކަށީގެންވާ ކުޅުމެއް، ރާއްޖެތެރެއިން މިނިވަން 50 ކުޅެގެން އައި ޓީމްތަކާ މިކޮޅުގެ ބޮޑެތި ޓީމްތަކާ ވަރަށް ތަފާތު ބޮޑެތި ނަތީޖާ ތަކެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އެކަމަކު މިމެޗުން ފެނިގެން މިދިޔައީ ތަންކޮޅެން ތަފާތު ކުޑަކޮށް. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީވެސް، އެހެންވީމަ ވަރަށްބޮޑު ހިއްވަރެއް މިއަދުގެ މެޗުން ލިބުނީ" ނަސީމް ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގްގައި މިދެޓީމްވެސް މިހާތަނަށް ދެމެޗް ކުޅެފައިވާއިރު ފެހެންދޫންވަނީ ލީގްގެ ފުރަތަމަ މެޗުގައި ވިކްޓްރީ އަތުން ޕޮއިންޓެއް ހޯދާފައެވެ. ފުރަތަމަ މެޗު ޓީސީން ކާމިޔާބުކުރީ ނިލަންދޫ ކޮޅަށް ހަ ގޯލްޖަހައިގެންނެވެ.