ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި ބޭނުންކުރާ ވޯޓާސް ލިސްޓްގައި ފޮޓޯ ނުޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. 
އެކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަންނަ ސެޕްޓެންބަރުމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ނިންމާފައިވަނީ ފޮޓޯ ނުޖަހާ ވޯޓާސް ލިސްޓެއްކަމަށެވެ. އެހެންމަވެސް އެގޮތަށް ނިންމީ ކީއްވެ ކަމެއް އެކޮމިޝަނުން ހާމަކޮށްފައެނުވެއެވެ. 
ވޯޓާސް ލިސްޓްގައި ފޮޓޯ ނުޖަހާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިމިވަނީ އެ ކޮމިޝަނުން ތައްޔާރުކުރި ފޮޓޯ ޖެހި ވޯޓާސް ލިސްޓެއްކަމަށް ބުނެ އެ ލިސްޓް ޝޯޝަލް މީޑިއާގައި ފެތުރެމުންދަނިކޮށެވެ. އެހެންނަމަވެސް އީސީން ވަނީ އެ ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ އެ ކޮމިޝަނުން ހަދާފައިވާ ލިސްޓެއް ނޫންކަމަށް ބުނެފައެވެ. 
ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބައި ގުޅިގެން ސުޕްރީމްކޯޓަށް ހުށައެޅުނު މައްސަލަތަކަށް ފަހުއެވެ. 
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ހުށައެޅި އިސްލާހުތައް ރަގަޅުކުރުމަށްފަހު އާ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ. 
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓްގައިވާ ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 263000 އެކެވެ.